ހުޅުމާލޭގައި ޓޭކްއެވޭ ހިދުމަތްދޭ ފަރާތްތައް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެޗްޑީސީން މިއަދު ބުނީ، އެ ކޯޕަރޭޝަނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ 10:00 އިން 12:00 އަށް، ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައި ކަމަށެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ވިޔަފާރި އުސޫލުން ޓޭކްއެވޭ ހިދުމަތްދޭން ހުއްދަދީފައިވާ އެންމެހާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ އެމްއެފްޑީއޭގެ ޓެކްނިކަލް މުވައްޒަފުން ކަމަށެވެ.

މި އަހަރުގެ ޖޫން ނުވަވަނަ ދުވަހު އެމްއެފްޑީއޭއިން ގެޒެޓުކުރި ގަވާއިދު ނަންބަރު 2026/R-52 "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަމަލުކުރަން ފަށާނީ ޑިސެމްބަރު ނުވަވަނަ ދުވަހުން ފެށިގެންނެވެ.

މި ސެޝަންގެ މަގުސަދަކީ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިވެރިން ގަވާއިދުގައިވާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑުތަކަށް އަހުލުވެރިކުރުވުން ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން، ސެޝަންގެ ތެރެއިން، އާ ގަވާއިދާ ގުޅޭގޮތުން ވިޔަފާރިވެރިން ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ.

އެމްއެފްޑީއޭގެ ގަވާއިދާއެކު، ކާބޯތަކެތި ބަންދުކުރުމާއި ލޭބްކުރުމުގެ މިންގަނޑެއް ވަނީ އެކުލަވާލައިފައެވެ. އެގޮތުން، ކާބޯތަކެތީގެ ސާފުތާހިރުކަމާއި، ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ކާބޯތަކެތި ބަންދުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަން މި ގަވާއިދުގައި ހިމަނާފައިވެއެވެ. އަދި، އެއީ ކޮން ބާވަތެއްގެ އެއްޗެއް ކަމާއި މުއްދަތު ހަމަވާނެ ތާރީހު ފަދަ މުހިންމު މައުލޫމާތުތައް ލޭބަލްކުރަން އެމްއެފްޑީއޭގެ ގަވާއިދުން ވަނީ ލާޒިމުކޮށްފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ގިނަ ފުރުސަތުތައް ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.