ރިޕޯޓް

ސަރުކާރަށް ދެ އަހަރު: ދިވެހި ވެށި ހިމާޔަތް ކުރުމުގެ ރެކޯޑް ދެ އަހަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ނިންމި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން، ރަށަކާއި ފަރަކާއި ކަނޑޫފަލެއް ރައްކާތެރިކޮށް ހިމާޔަތް ކުރުން ހިމެނެ އެވެ. ދެ އަހަރު ތެރޭގައި އެ ދާއިރާއިން މިވަނީ ގިނަ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުން އިތުރު ބަޔޮސްފިއާ ރިޒާވްތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

މިސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުންތަކުގައި ހދ. ކޭލަކުނާއި ހދ. ނޭކުރެންދު އާއި ހއ. ބާރަށުގެ ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ގޮތުގައި ކަނޑައެޅުމަށް މަޝްވަރާކޮށް އެކަން ވަނީ ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ އެންމެ އުތުރުން، ބޮޑު ތިލަދުންމަތީގެ 11 ސަރަހައްދެއް ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު ރައީސް ނިންމެވި އެވެ.

ހިމާޔަތްކުރަން ނިންމެވި ސަރަހައްދުތަކަކީ ހއ. ގައްލަންދޫ ތިލަ އާއި ހއ. ކެލާ ޗަސްބިމާއި ހއ. ބިލެތްދޫ ތިލަ އާއި ހދ. ފިނޭ ތިލައިގެ އިތުރުން ހދ. އިންނަފުށްޓާއި ށ. ބޮލިއްސަފަރާއި ނ. ނާލާހުރާ އާއި ނ. ފޮއްދިއްޕަރާއި ނ. ބޮޑުޅައިމެންދޫ އާއި ނ. ކެނދިކުޅުދޫ ކަނޑޫފާ އަދި ނ. އޮރިމަސްތިލަ އެވެ. އެ ސަރަހައްދުތަކަކީ ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ އަދި ގުދުރަތީ ރީތި މަންޒަރުތައް ހިމެނޭ އަދި ތިމާވެށީގެ ހާއްސަ ހިދުމަތްތަކާއި ވަސީލަތްތައް ލިބޭ ތަންތަނެވެ.

ހަމަ އެހެންމެ ތިމާވެށީގެ ހާއްސަ ސިފަތަކެއް ލިބިފައިވާ އައްޑޫގެ އިތުރު ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ކެބިނެޓުން ވަނީ ފާސްކޮށްފަ އެވެ. އެއީ ކޮޑަ ކަނޑަ އާއި ކަނޑިހެރަ ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅި އާއި ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި އެވެ.

ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތް ކުރަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ މަހު ވެސް ވަނީ ނިންމައިފަ އެވެ. އެ އަތޮޅުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކަކީ މާގަނޑު ތިލަ އާއި ސެއްޅިފުށި-ހިރިޔަދޫ ސަރަހައްދާއި މާކޯ ސަރަހައްދުގެ އިތުރުން ވައްވަރާއި ދަނޑިފަޅު ފިނޮޅާއި ދަނޑިފަޅު ކަނޑުއޮޅި ސަރަހައްދާއި ދަށުގިރި ފިނޮޅު ސަރަހައްދެވެ.

އެ ސަރަހައްދުތަކަކީ ހިމާޔަތް ކުރެވިފައިވާ ތަންތަން ކަމަށް ކަނޑައަޅައި، ގެޒެޓް ކުރުމާ އެކު އެ ސަރަހައްދުތަކުގައި ކުރުން މަނާ ކަންކަމާއި ހުއްދަ ކަންކަން އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޅ. އަތޮޅުން ފަސް ސަރަހައްދެއް ހިމާޔަތް ކުރުން

އިތުރު ބަޔޮސްފިޔާ ރިޒާވްތަކެއް

ހިމާޔަތް ކުރުމުގެ ކަންކަމަށް ލިބިގެން ދިޔަ އިތުރު ފުރިހަމަ ކަމަކީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ފުވައްމުލަކާއި އައްޑޫ ސިޓީ މިދިޔަ މަހުގެ ފަހުކޮޅު ކަނޑަ އެޅުމެވެ. ރާއްޖޭގައި ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި އެހާތަނަށް އޭރު ކަނޑައަޅާފައި ވަނީ، ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ ބ. އަތޮޅު އެކަންޏެވެ. އައްޑޫ އާއި ފުވައްމުލަކާއެކު ރާއްޖޭގެ ތިން ސަރަހައްދެއް ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

ޔުނެސްކޯއިން ކަނޑައަޅާ ބަޔޮސްފިއާ ރިޒާވްތަކަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށާއި ބައޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ދަމަހައްޓަން ކަނޑައަޅާ ކަނޑު އަދި ބިމުގެ އީކޯސިސްޓަމްތަކެވެ. އެ ތަންތަން ބަޔޮސްފިއާ ރިޒާވެއް ގޮތުގައި ކަނޑައަޅާނީ އެތަނުގައި އެކަށީގެންވާ ޝަރުތުތައް ފުރިހަމަ ވެއްޖެ ނަމަ އެވެ.

ތަނެއް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ހަދަން ބޭނުންވެއްޖެ ނަމަ އެ ކަން ހުށަހަޅާނީ އެ ގައުމެއްގެ ސަރުކާރަކުންނެވެ. ބައޮސްފިއާއެއްގެ ގޮތުގުގައި ކަނޑައެޅުމަށް ފަހު ވެސް އެ ތަންތައް ބަލަހައްޓާނީ އެ ގައުމެއްގެ މައި ސަރުކާރު ނުވަތަ ސްޓޭޓަކުންނެވެ.

ހިމާޔަތް ކުރުމަކުން އަދި ނިމުނީއެއް ނޫން

އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ތިމާވެށީގެ ހާއްސަ މާހައުލުތައް އެކުލެވޭ ރަށްތަކާއި ސަރަހައްދުތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ދެމެހެއްޓުމަށް މި ސަރުކާރުން ހިމާޔަތްކުރި ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީ އާއި އާމްދަނީ ލިބޭނެ ކަންކަން ހިމެނޭ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި އެކިއެކި އިންފްރާސްޓްރަކްޗާތައް ގާއިމު ކުރަން ޕްލޭން ކޮށްފައިވާ ކަމަށެވެ. އަދި އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް ވިޒިޓަސް ސެންޓަރެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ތަންތަނުގައި މީހުނަށް މަޑުކޮށްލެވޭ ކަހަލަ ހިޔާވަހިކަން ގާއިމު ކުރުން ފަދަ މަސައްކަތްތައް ހިމެނޭ،" މަޖިލީހުގައި ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން މުޅި ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރެވޭ ގޮތަށް މަގުތައް ހަދާނެ ކަމަށެވެ.

މިސަރުކާރުގެ ފުރަތަމަ ދެ އަހަރު ތެރޭގައި ތިމާވެށި ހިމާޔަތް ކުރަން ގިނަ މަސައްކަތްތަކެއް މިވަނީ ކޮށްފަ އެވެ. އޭގެ ތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުން އެތައް ސަރަހައްދެއް ހިމާޔަތް ކުރުން ހިމެނެ އެވެ. އެ ސިލްސިލާއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އައްޑު އާއި ފުވައްމުލަށް ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ކަނޑައެޅުމެވެ. ފާއިތުވި ދިގު މުއްދަތަށް ބަލާއިރު ޕްލޭނެއް އޮވެގެން އެންމެ ގިނަ ސަރަހައްދުތައް މި ގޮތަށް ހިމާޔަތް ކުރެވޭ މިއީ ފުރަތަމަ ފަހަރެވެ.