ކޮންމެ ރަށެއްގެ ބޭރުގައި ބައިނަލްއަގުވާމީ ބަނދަރަކާއި އެއާޕޯޓެއް ހަދަން ކޮންމެ ރައްޔިތަކު ވިސްނައިފި ނަމަ ޖެހޭނީ ދެމީދާ ފެހި ބުޅަލުގެ ހާލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމެއް ކަމަށާއި، ކޮންމެ ރަށަކީ ގައުމެއް ނޫން ކަމަށެވެ. އަޅުގަނުޑުމެން ގެންގުޅެން ޖެހޭނީ ސަރަހައްދީ ތަރައްގީގެ ވިސްނުމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ކޮންމެ ރަށެއްގެ ބޭރުގައި ބައިނަލްއަގުވާމީ ބަނދަރަކާއި އެއާޕޯޓެއް އަޅަން ކޮންމެ ރައްޔިތަކު ވިސްނަފި ނަމަ އަޅުގަނޑުމެނަށް ހަަމަ ލިބޭނީ ދެމީދާ ފެހި ބުޅަލުގެ ހާލު، އެކައްޗެއްވެސް މުޅިން ރަނގަޅަށް ނުލިބި އަޅުގަނޑުމެންނަށްދާނީ،"މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެކަމަކީ ދެކުނުގެ ހަތަރު އަތޮޅު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ވިސްނުމެއް ކަމަށެވެ.
"ތިބޭފުޅުންނަށް އެއް މޭޒެއްގެ ދޮށުގައި އިށީންދެ ތިބެ، ތިބޭފުޅުންގެ ގުދުރަތީ ސަރަހައްދު، ޖޯގްރަފިކަލް އޭރިއާ އަށް ވިސްނަވާފައި ތަރައްގީގެ އޮނިގަނޑެއް ރޭވެން ޖެހޭނެ، ބާރުގައި އިންތިހާބުވެ ތި ތިއްބެވީ އެމްޑީޕީގެ މެންބަރުން. ކައުންސިލް ތަކުގައިވެސް މަޖިލިސް ތެރޭގައިވެސް އަޅުގަނޑުމެންނަކީ އެއްފިކުރެއްގެ ބައެއް، ތިބޭފުޅުންނަށް ނިންމެވެން ޖެހޭނެ ތިބޭފުޅުންގެ ސަރަަހައްދުގައި އެންމެބޮޑު އިންޓަނޭޝަނަލް އެއާޕޯޓު އޮންނާނީ ކޮންތާކުތޯ، ތިބޭފުޅުންނަށް ނިންމެވެން ޖެހޭނެ، ތިބޭފުޅުންގެ ސަރަހައްދުގައި އެންމެ ބޮޑު ބައިނަލް އަގުވާމީ ބަނދަރު އޮންނާނީ ކޮން ތާކުތޯ" ރައީސް ނަޝީދު ވިދާޅުވިއެވެ.