ޖޭޕީގެ ސްލޮޓެއްގައި ހުންނެވި، ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އިސްތިއުފާ ދެއްވުމުން، އެމްޑީޕީގެ މެންބަރެއް ކަމަށްވާ، އަހުމަދު ނަސީމު އެ މަގާމަށް އައްޔަން ކުރިއިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ފެނިގެންދިޔައީ، އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތު އިސްކުރެއްވުމުގެ ބަދަލުގައި ގައުމީ މަސްލަހަތު އިސްކުރެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓްގެ ހަތަރު ވަޒީރަކު ބަދަލުކުރަން ޖެހުނު ކޮންމެ ފަހަރަކު އެކަމަށް ގޮތެއް ނިންމަވާފައިވާނީ އެ ވަޒީރަކު ނިސްބަތްވާ ޕާޓީގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު، އެ ލީޑަރުންގެ ރުހުމުގައި ކަމަށެވެ.
އެގޮތުން އެންމެ ފަހުން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީން މަގާމުން އިސްތިއުފާ ދެއްވުމުން އޭނާ ހުންނެވި ޖުމްހޫރީ ޕާޓީން އެ މަގާމަށް އައްޔަން ކުރެއްވުމަށް ނަންތަކެއް ވެސް ފޮނުއްވި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެކަމާ ގުޅިގެން އެޕާޓީގެ ލީޑަރު ގާސިމާ މަޝްވަރާ ކުރައްވައި، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ޗޮއިސްއެއް މިކަމުގައި (ހެލްތު މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް) ދެއްވާށޭ ދެންނެވިން. (ގާސިމް) ވިދާޅުވި މައްސަލައެއް ނެތޭ. ތިމަންނަ ބޭނުންވަނީ ގައުމުގައި ހުރި ކަންތައްތައް އިސްލާހުކޮށް މެނިފެސްޓޯ އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭ ގޮތަކަށް ކަންތައްތައް ރާވައިގެން ކުރިއަށް ގެންދަންކަމަށް. އެގޮތުން އަޅުގަނޑަށް ފެންނަ މީހަކު އެ މަގާމަށް ލުމުގެ ފުރުސަތު ގާސިމް ދެއްވި. އަޅުގަނޑަށް ފެނިގެންދިޔައީ އޮނަރަބަލް ގާސިމް އިބްރާހިމް އެބޭފުޅާގެ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށްވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރައްވައި، ގައުމުގައި ހުރި ކަންތައްތައް ހައްލުކުރުމަށް އިސްކަން ދެއްވި ވަރު،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރިން އެއްބަސްވެފައިވާ ކަންތައްތަކުގައި ގޮތެއް ނިންމަވާއިރު، ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރިއަށްދާނީ ޕާޓީގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު