އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި 3000 ފުލެޓްގެ ބިންގާ އެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިން މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި ނަމަވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް އުންމީދުކުރި ހަލުވިމިނުގައި ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ.

"ކުރިއަށް އޮތް އަހަރު އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތަކަށް ވެގެންދާނީ މާލޭގެ ބޯހިޔާވަހިކަން ނެތް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުތައް. މިއަހަރުގެ ތެރޭގައި ވެސް މިމަހު އާއި ޑިސެމްބަރު މަހުގެ ތެރޭގައި އޭގެ އަމަލީ މަސައްކަތް ފެށިގެންދާތަން ފެންނާނެ. އެގޮތުން 3000 ފްލެޓެއްގެ ބިންގާ އެޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އަންނަ އަހަރު މަސައްކަތް ކުރައްވާނީ ނުކުރެވި ހުރި މަސައްކަތްތަކަށް އަމާޒުކޮށްގެން ކަމަށެވެ.

މި ސަރުކާރުން އަދި ފަށާފައި ވަނީ ބޯހިޔާވަހިކަމުގެ ބޮޑު އެއް މަޝްރޫއެވެ. އެއީ 1700 ފްލެޓުގެ މަޝްރޫއެކެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނާ ގުޅިގެން ހިންގާ އެ މަޝްރޫއަކީ 133 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 15 އަދި 16 ބުރީގެ 11 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައުސިން ޔުނިޓްތަކުގެ ތެރޭގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1020 އެޕާޓްމަންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމަންޓް ހިމެނެއެވެ.