ރާއްޖޭގައި ހިންގި އެންމެ ބޮޑޫ ހިޔާނާތް ކަމަށް ބެލެވޭ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިިނަލް ކޯޓުގައި ކުރިއަށްދާއިރު، އެ އަޑުއެހުންތައް ލައިވްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އެދިވަޑައިގެންފިއެވެ.

ޕީޖީ ހުސެއިން ޝަމީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ޝަރީއަތުގެ އަޑުއެހުންތައް ލައިވް ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ. އެޝަރީއަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި އަޑުއެހުންތައް ލައިވްކުރުން މުހިންމު ކަމަށާއި ކްރިމިނަލް ކޯޓުން އެކަން ހަމަޖައްސައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޖީ އިތުރަށް ވިދާޅުވީ މިމަހުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް ފެށޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ އިސްކޮށް ހިމެނޭ ކަމަށް ތުހުމަތުކުރާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތް ވަނީ ލައިވް ކޮށްފަ އެވެ.

ޕީޖީ ހުސެއިން ޝަމީމު މީގެ ކުރިން ވިދާޅުވެފައިވަނީ، ބޮޑު ހިޔާނާތުގެ ޝަރީއަތްތައް ދެން ފެށޭއިރު، ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާގައި ބޮޑު މައްސަލައެއް ކޯޓަށް ފޮނުއްވާނެ ކަމަށެވެ.