ކޮވިޑުގެ ކުރިން ހުރި މިންވަރާ ހަމައަށް އާމްދަނީ އަންނާނެ ކަމަށް ބެލެވެނީ 2023ގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2021 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށެވެ.

އެއީ އާންމު ގޮތެއްގައި ދައުލަތަށް ލިބޭ އާމްދަނީއާ އަޅައިބަލާއިރު ވަރަށް ބޮޑުތަން ކުޑަ އަދަދެއް ނަމަވެސް އެއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަަނީއަށްވުރެ 21 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އާމްދަނީ އަނބުރާ ކޮވިޑުގެ ކުރިން ހުރި މިންވަރާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރު އެވެ.

އަންނަ އަހަރަށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން ގޮތްގޮތުން 5.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އޭގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.