މިއަދު ސިއްހީ ދާއިރާ ވަނީ ކޮވިޑް-19 އާ ކުރިމަތިލައި، ބޮޑު ކޭސްލޯޑެއް ވެސް މެނޭޖްކުރެވޭނެ މިންވަރަށް ގާބިލުކަން އިތުރުކުރެވިފައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ، ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުމާއެކު ދިވެހި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވީ ވައިރަސްއާ ކުރިމަތިލުމުގެ ގާބިލުކަން ގާއިމްކުރުން ކަމަށެވެ. އެއީ އިގްތިސޯދީ ހަރަކާތްތައް އަލުން ފެށުމަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ކޮވިޑާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށް ސިއްހީ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވުނުކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ، ރާއްޖޭގައި ކޮވިޑަށް ޓެސްޓުކުރެވޭނެ ގޮތް ހަދައި މިއަދު ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ޓެސްޓު ކުރެވޭނެ މަގު ފަހިކުރެވިއްޖެ ކަމަށެވެ.
އޭގެ އިތުރުން އެނދުގެ ކެޕޭސިޓީ ބޭނުންވާ މިންވަރަށް ހަމަކޮށް، މެޝިނަރީ އާއި ވަސީލަތްތައް އަދި ބޭހާއި ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ގަނެވިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދު ސިއްހީ ދާއިރާ ވަނީ ކޮވިޑް-19އާ ކުރިމަތިލައި، ބޮޑު ކޭސްލޯޑެއް ވެސް މެނޭޖް ކުރެވޭނެ މިންވަރަށް ގާބިލުކަން އިތުރުކުރެވިފައި. މި މިންވަރަށް ސިއްހީ ގާބިލުކަން އިތުރުކުރުމަށާއި ކޮވިޑް-19 ގެ ސިއްހީ އޮޕަރޭޝަނަށް 1.3 ބިލިއަން ރުފިޔާއާ ގާތަށް މިހާރު ހޭދަކުރެވިއްޖެ. މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވައި، އިގްތިސާދީ ހަރަކާތްތައް ފެށިފައިވުމުގެ އަސްލަކީ ސަރުކާރުން އޭރު އެޅި ހަރުދަނާ ފިޔަވަޅުތައް. ސިއްހީ ދާއިރާއަށް މި ކުރެވުނު އިންވެސްޓްމަންޓަކީ، ދިގު ރާސްތާގައިވެސް ފައިދާކުރާނެ މުހިއްމު އިންވެސްޓްމަންޓުތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު މިހާރު ހުޅުވާލަމުންދާއިރު އެގޮތަށް ކުރިއަށް ދިއުމުގެ އަސާސަކީ ކާމިޔާބު ކަމާއެކު ބަލި ކޮންޓްރޯލް ކުރެވޭ މިންވަރު ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަން ފާހަގަކުރެއްވި އެވެ.
އެގޮތުން ބަޖެޓުގައި ކޮވިޑާ ދެކޮޅަށް އާންމު ސިއްހީ ދާއިރާއިން މިހާރުވެސް ކުރިއަށް ގެންދަމުން އަންނަ މަސައްކަތްތަކަށް ބަޖެޓް ކަނޑައަޅާފައިވާއިރު ކޮވިޑަށް އަންނަ އަހަރުގެ ވެކްސިނެއް ފެނިއްޖެނަމަ އެ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޖާދަ ދީފައިވާނެ ކަމަސް މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު