އުތުރު ސަރަހައްދުގައި ހައި-ސްޕީޑް ފެރީގެ ނިޒާމު ގާއިމްކުރުމަށް، އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި 53 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ޖަޒީރާ ރާއްޖޭގެ ސިޔާސަތުގެ އެންމެ މުހިންމު އެއް އަސާސަކީ ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ހުރިހާ ރަށްރަށާއި އަބާދީތައް ގުޅުވާލައި ރައްޔިތުން ރަށު ބަންދުން ފިލުވައިދިނުން ކަމަށެވެ.
އޭގެ އިތުރުން ތަކެއްޗާއި ހިދުމަތްތައް ގާތްކޮށްދީ، ވަޒީފާއަށް ރަށުން ބޭރަށް ގޮސް ދުވަހުގެ މަސައްކަތް ނިމުމުން އާއިލާ ކައިރިއަށް އަނބުރާ ދިއުމަށް މަގުފަހިކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
އެގޮތުން 2021 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި ހައި-ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަށް ބަޖެޓުގައި ވަނީ 53 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ދަތުރުކުރުމަށް ބޭނުންވާ ޒަމާނީ ފެރީތަކާއި އެ ނިޒާމް ހިންގުމަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށެވެ.
އޭގެ އިތުރުން ރަށްރަށުގެ ބަނދަރުތައް އަޕްގްރޭޑް ކުރުމާއި ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ޓާމިނަލްތަކާއި އެކަންކަމާގުޅޭ ވަސީލަތްތައް ތަރައްގީ ކުރުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު