ކަރަންޓުގެ އަގުހެޔޮކުރުމަށް 428 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާއިރު، ބަޖެޓުގައި އިޖްތިމާއީ ރައްކާތެރިކަމަށް 3.7 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
އޭގެ ތެރެއިން ކަރަންޓު އަގުހެޔޮ ކުރުމުގެ ގޮތުން ދޭ ފައިސާގެ ގޮތުގައި 428 މިލިއަން ރުފިޔާ އަދި ކާބޯތަކެތި އަގުހެޔޮކުރުމުގެ ގޮތުން ދޭ 366 މިލިއަން ރުފިޔާ ހިމެނެ އެވެ. އަދި ތަކެތި ނުވަތަ ހިދުމަތުގެ އަގުހެޔޮކުރުމުގެ ގޮތުން 94 މިލިއަން ރުފިޔާ ދޭން ހިމަނާފައިވެ އެވެ.
ދެން ހިމެނެނީ ސިއްހީ އިންޝުއަރެންސްގެ އަގަށް ދައްކާ ފައިސާގެ ގޮތުގައި 718 މިލިއަން ރުފިޔާ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީގެ ފައިސާގެ ގޮތުގައި 250 މިލިއަން ރުފިޔާ އަދި އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީގެ ގޮތުގައި 60 މިލިއަން ރުފިޔާ އެވެ.
ކަރަންޓް އަގުހެޔޮކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 428 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަސް 148 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މިއަހަރުގެ ބަޖެޓަށް ބަލާއިރު ކަރަންޓު އަގުހެޔޮ ކުރުމަށް ހިމަނާފައި އޮތީ 350 މިލިއަން ރުފިޔާ އެވެ. އަދި ކާބޯތަކެތީގެ އަގުހެޔޮކުރުމުގެ ގޮތުން 254.3 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ތަކެތި ނުވަތަ ހިދުމަތުގެ އަގުހެޔޮކުރުމުގެ ގޮތުން ދޭ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވަނީ 445 މިލިއަން ރުފިޔާ އެވެ.