އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ފަރާތުން ހުށަހެޅި ބަޖެޓުގައި ސިއްހީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ހަރަދުކުރަން ނިންމައިފިއެވެ. އޭގެ ތެރެއިން 200 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ ކޮވިޑްގެ ބަލިމަޑުކަން ނައްތައިލުމަށް ކުރަން ޖެހޭ ހަރަދު ތަކަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިހާރު ހުޅުވާލަމުންދާއިރު އެގޮތަށް ކުރިއަށް ދިއުމުގެ އަސާސަކީ ކާމިޔާބު ކަމާއެކު ބަލި ކޮންޓްރޯލް ކުރެވޭ މިންވަރު ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ބަޖެޓުގައި ކޮވިޑާ ދެކޮޅަށް އާންމު ސިއްހީ ދާއިރާއިން މިހާރުވެސް ކުރިއަށް ގެންދަމުން އަންނަ މަސައްކަތްތަކަށް ބަޖެޓް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި ކޮވިޑަށް އަންނަ އަހަރުގެ ވެކްސިނެއް ފެނިއްޖެނަމަ އެ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޖާދަ ދީފައިވާނެ ކަމަސް ވިދާޅުވި އެވެ.
އެގޮތުން މެޑިކަލް ކޮންސިއުމަބަލްސް ގަތުމަށް 968 މިލިއަން ރުފިޔާ ހިމަނާފައި ވާއިރު ކޮވިޑް ބަލިމަޑުކަން ނައްތައިލުމަށް 200 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، އޯގާތެރި ސަރުކާރުގެ އެއް އަސާސަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން ކަމަށްވާއިރު އެ ދާއިރާއިން ސަރުކާރުން ކުރަމުން އަންނަ އެންމެ މުހިންމު އެއް ކަމަކީ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ސިއްހީ ހިދުމަތް ތަރައްގީކުރުން ކަމަށެވެ.
އެގޮތުން ޓާޝަރީ ފެންވަރަށް އެ ހޮސްޕިޓަލްތައް ތަރައްގީ ކުރުމަށް މިއަހަރުގެ ބަޖެޓުން ފެށި މަޝްރޫއުތައް އަންނަ އަހަރު ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ފަސް ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލް ހެދުމަށް 191 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އޭގެ އިތުރުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރޮޖެކްޓަށް 34 މިލިއަން ރުފިޔާ އާއި ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތްކުރުމަށް 98 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނަފައިވެ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި، ކެންސަރު ހޮސްޕިޓަލް ހޮސްޕިޓަލްގެ މަޝްރޫއު ވެގެންދާނީ ކެންސަރާއި ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 ޕަސެންޓަށް ދަށް ކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލު ވުމަށް މުހިންމު މަޝްރޫއަކަށް ކަމަށެވެ.
"ފުރަތަމަ އަހަރުން ފެށިގެން ވެސް މި ސަރުކާރުން ސިއްހީ ދާއިރާއަށް ކުރަމުން މިއަންނަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން، މި ފުރަބަންދުގެ ތެރޭގައި ވެސް ރައްޔިތުންނަށް އޭގެ ފައިދާ އިންތިހާއަށް ލިބެމުން އަންނަތަން ފެނިއްޖެ. ސަރަހައްދީ ތަރައްގީގެ ތަސައްވުރާއެކު، 2021 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް މިހާތަނަށް އަންނާނެ އެންމެ ބޮޑު އިންގިލާބީ ބަދަލަށް ވެގެންދާނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އަތޮޅު ތެރޭގައި ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތް ފުޅާކުރުމާއި ފަސޭހައިން ލެބޯރެޓަރީގެ ހިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަށް މޯބައިލް ލެބްގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު