ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ޓީމުން ބެލި ބެލުމުން ކޮވިޑް ބަލީގައި މަރުވި ކަނޑިންމަ މުވައްޒަފުގެ މައުލޫމާތު އެކި ފަހަރު އެކިގޮތަށް ދީފައިވާކަން ފާހަގަކުރެވުނު ކަމަށް އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އެ ކޭސްގެ ގިނަ އަދަދެއްގެ ކޮންޓެކްޓުން ޕޮޒިޓިވްވަމުންދާ އިރު، އޭނާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ފުލުހަށް ހުށަހަޅައިފައެވެ. އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މަރުވި މީހާގެ ބަލީގެ މައުލޫމާތުތައް އެ ރިސޯޓުގެ ޑޮކްޓަރު އެކި ފަހަރު އެކިގޮތަށް ދީފައިވާކަން އެ މައްސަލަ ބެލުމަށް އެޗްއީއޯސީގެ ފަރާތުން ދިޔަ ޓީމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"ބަލި މީހާގެ ހިސްޓަރީ ދިނުމުގައި އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ދީފައި ހުރި ކަމަށް އަޅުގަނޑުމެންނަށް ފެނޭ. އެހެންވީމާ އޭގެ ކޮންކްލިއުޝަނާ ހަމައަށް ދެވޭނީ ޕޮލިހުންގެ އިންވެސްޓިގޭޝަނެއްގެ ތެރެއިން ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ. އެކަންތައްތައް އަޅުގަނޑުމެން ވާނީ ޕޮލިހާ ހަމައަށް ފޮނުވާފައި،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެޗްއީއޯސީގެ ޓީމެއް އެ ރިސޯޓަށް ގޮސް، ބަލި ކޮންޓްރޯލްކުރުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ބަލައި، ފިޔަވަޅުތައް ރަނގަޅުކުރުމަށް ކުރާނެ ކަންތައްތަކުގެ މައުލޫމާތު ދީފައިވާނެ ކަމަށެވެ.
ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މަރުވި، ދ. މާއެނބޫދޫ، ދިލްބަހާރުގޭ އާދަމް ނަސީރަށް އެ ރިސޯޓުގެ މެނޭޖްމެންޓުން އެކަށީގެންވާ ފަރުވާ ފޯރުކޮށްނުދިނުމާއި ފަރުވާ ލަސްވުމާއި އަޅައިނުލާކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެ ރިސޯޓަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްފައެވެ.
އެ ރިސޯޓު ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް ފަތުރުވެރިން އަރައި ފޭބުން މަނާކޮށްފައެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކަނޑިންމަ ރިސޯޓުން ފޭބޭނީވެސް ކޮންޓެކްޓް ޓްރޭސިން ހަދައި އެއްވެސް ކޮންޓެކްޓެއް ނެތް އަދި ނެގެޓިވްކަން ޔަގީންވާ ފަތުރުވެރިންނަށެވެ.
ކަނޑިންމަ ރިސޯޓުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 60 އަށް އަރައިފައެވެ. އޭގެ ތެރޭގައި އެ ރިސޯޓުގެ މުވައްޒަފުންގެ އިތުރުން ފަތުރުވެރިޔަކު ވެސް ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު