ޚަބަރު

ޒަރޫރީ ބޭނުމަކަށް ނޫނަސް މިހާރު މާލެއިން ރަށަށް ދެވޭނެ

އަލީ އަފާފް ރަމީޒު

ވަކި ޒަރޫރީ ބޭނުމެއް ނެތަސް މާލެ ސަރަހައްދުން ރަށްރަށަށް ދެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލު ބަދަލުކޮށްފިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ހަލުވިވުމާއެކު ރަށްރަށަށް ކޮވިޑް ފެތުރުން ހުއްޓުވަން، މާލެއިން އެހެން ރަށްރަށަށް ދެވޭނީ ޒަރޫރީ ބޭނުންތަކަށް ކަމަށް އެޗްޕީއޭއިން ނިންމިއެވެ. އަދި އެގޮތަށް ދެވޭނީ އެޗްޕީއޭއިން ހުއްދަ ނަގައިގެންނެވެ. އަދި ގޮސް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ހަމަކުރަން ޖެހެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން ހުރިހާ ބޭނުމަކަށް މާލެއިން އެހެން ރަށްރަށަށް ދެވޭނެ ކަމަށެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ހަމަކުރަން ޖެހޭނެއެވެ.

މީގެ އިތުރުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކޮށް، ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެއެވެ. އަދި ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ރަށްރަށަށް ދިއުމަށް އެޗްޕީއޭގެ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގަންޖެހޭނެއެވެ.

މާލެ އިން ކޭސްތައް މަދުވުމުން އެޗްޕީއޭ އިން އިއްޔެ ވަނީ ބައެއް ލުއިތައް ދީފައެވެ. އެގޮތުން ރޭގަނޑު 12 ޖަހަންދެން ބޭރުގައި އުޅެވޭ ގޮތަށް ލުއި ދިނުމާއި 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް އެއްވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

މީގެ އިތުރުން ޕާކްތަކާއި މައިޒާންތަކާއި ދާރުލްއާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުމަށާއި ކުޅިވަރުތައް ކުޅުމުގެ ހުއްދަވެސް އެޗްޕީއޭ އިން ވަނީ ދީފައެވެ.