ބެންޗުން އަރައި ލިއޮނަލް މެސީ ދެއްކި މޮޅު ކުޅުމާއެކު ބާސެލޯނާއިން ލަލީގާގައި ހަތަރު މެޗަށްފަހު މޮޅެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސާއިން ރެއާލް ބެޓިސް ބަލިކުރީ، 5-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ނުކުތްއިރު ބާސާ އޮތީ މާޔޫސީ ހާލަތެއްގައެވެ. މެނޭޖުމަންޓްގެ މައްސަލަތަކަކާއެކު ބާސާއިން ދަށްކޮށް ސީޒަން ފަށާފައިވާއިރު، މެޗަށް ނުކުތްއިރު، އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ނުހޯދި އޮތް ބާސާ އޮތީ ލީގު ތާވަލުގެވެސް 13 ވަނައިގައެވެ. މެސީ އާއި ބާސާގައި ކުރިން ހުރި ރައީސް ޖޯސެފް ބާޓޮމިއޫ އާ ދެމެދު ޖެހުނު މައްސަލަތަކާ ހުރެ މެސީ ބާސާ ދޫކޮށްލަން އުޅެފައިވާއިރު، ރޭގެ މެޗުގެ ކުރިން ވެސް ހުރިހާ ލޯތަކެއް އަމާޒުވީ އޭނާއަށެވެ.
ރޭގެ މެޗުގެ ފުރަތަމަ 11ގައި މެސީ ހިމަނާފައި ނުވާއިރު، މެޗުގެ ކުރީކޮޅުގައިވެސް މެސީ ނެތްތަން ދެއްކިއެވެ. ބާސާއަށް ލިބުނު ޕެނެލްޓީ އެންޓޮއިން ގްރީޒްމަން ބޭކާރު ކޮށްލިއިރު، މެޗުގެ ކުރީކޮޅުގައި ލީޑު ނަގައިދިނީ އުސްމާން ޑެމްބޭލޭ އެވެ.
އެ ލީޑާއެކު ބާސާއިން ހާފް ނިންމައިލަން ދިޔަ ނަމަވެސް، އެންޓޯނިއޯ ސަނަބްރިއާގެ ގޯލަކާއެކު ބެޓިސްއިން ނަތީޖާ ހަމަހަމަކުރިއެވެ.
ދެވަނަ ހާފަށް ބާސާއިން މެސީ ކުޅެން ނެރުނެވެ. މެސީ ކުޅެން ނުކުތުމާއެކު މެޗުގެ އޮއިވަރު ބަދަލުވެ، މުޅި މެޗު މެސީގެ އަތްމައްޗަށް ދިޔަ ކަހަލައެވެ. ގްރީޒްމަން ޖެހި ގޯލަށް އެސިސްޓް ކޮށްދީ، މެސީގެ ދެ ގޯލްވެސް މެޗުގައި ފެނިގެން ދިޔައެވެ. އޭގެ ތެރެއިން ދެވަނަ ގޯލަކީ މެސީ ޖެހި ޕެނެލްޓީއެކެވެ. މެޗުގައި ބާސާއިން ޖެހި ފަސްވަނަ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެޑްރީ ގޮންޒާލޭޒް އެވެ.
ރޭގެ މެޗުން މޮޅުވެ ބާސާއިން ވަނީ އަށްވަނަ އަށް ޖެހިލައިފައެވެ. މެޗުން ބަލިވި ބެޓިސް އޮތީ ބާސާއަށް ވުރެ މަތިން ހަތްވަނައިގަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު