މާލެ ސަރަހައްދުގެ ކާފިއު ގަޑި މެންދަމު 12:00 އިން ފަތިހު 4:00އަށް ބަދަލުކޮށް، ލުއިދީފިއެވެ.
ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑު ކޭސްތަކުގެ އަދަދުތައް ދަށްވުމާ ގުޅިގެން އެންމެ ފަހުން ކާފިއު ގަޑިއަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 16 ގައެވެ. އެފަހަރު ކާފިއު ގަޑި ރޭގަނޑު 11:00 އިން ފަތިހު 4:00އަށް ބަދަލުކޮށް ވަނީ ލުއިދީފައެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ، މި ހިނދުން ފެށިގެން ފެށިގެން ވަކި ގޮތެއް އަންގަންދެން، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ލުއިތަކުގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލޭގައި ފަތިހު 4:00 އިން ފެށިގެން މެންދަމު 12:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މައްގުމައްޗާއި އާންމު ތަންތަނަށް ނުކުތުމަށް ހުއްދަދިނުން ހިމެނެއެވެ.
- މާލެ، ހުޅުމާލެ، ވިލިމާލޭގައި މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އަޅަނދުފަހަރު ދުއްވުމާއި މައްގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރުން.
- މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްވެސް ވަގުތެއްގައި އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓައިލުން.
- މާލެ، ހުޅުމާލެ، ވިލިމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުން.
- ރާއްޖޭގެ އެތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރާ ފަރާތްތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމާއި ހުރިހާ ވަގުތެއްގައި ވެސް މާސްކު އެޅުން.
- އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޔޫތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސްއާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުޅުވައިލުން.
- އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ވިޔަފާރިކުރާ ތަންތަނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވުން.
- އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ ނުވާގޮތަށް ކުޅިވަރުތައް ބަލަން ދިއުން.
- އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުން.
- ގޭގައި މަސައްކަތްކުރާ ގޮތަށް އޮފީސްތަކުން ހަމަޖައްސާފައިވާ ހައި ރިސްކު ފަރާތްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނުކުމެ މަސައްކަތްކުރުން.
އެ އެންގުމުގައި ބުނީ އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު