ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މާލޭ ސަރަހައްދުގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ތަރައްގީކުރުމަށް ވަމުން އަންނަ ތައްޔާރީތައް ބައްލަވައިލައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މިއަދު ހަވީރު ނައިބު ރައީސް ވަނީ މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ވެސްޓުޕާކު ސަރަހައްދުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ތަރައްގީކުރަމުން އަންނަ ބަސްހުއްޓި ބިނާކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވައިލައްވައިފައެވެ.

އޭގެ އިތުރުން ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ސަރަހައްދު ސާފުކުރުމަށްފަހު އެ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އަލަށް ހަދަމުން އަންނަ ޕާކިން ޒޯނުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ނައިބު ރައީސް ބައްލަވައިލެއްވިއެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ޝާމިލުވާ އެސްޓީއޯ އާއި މާލެ ސިޓީ ކައުންސިލުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންނާ މަޝްވަރާކުރައްވައިފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ނިޒާމުގެ މަސައްކަތުގެ ތެރެއިން މާލޭގެ ކާރޫބާރޫ ބޮޑު ޓްރެފިކަށް ލުޔެއް ލިބޭނޭހެން ކަންތައްތައް އިންތިޒާމުކުރަމުން ގެންދިއުމަށް ނައިބު ރައީސް، އެ ބޭފުޅުންނަށް އިރުޝާދުދެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލާއި، މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.