"ހިޔާ" މަޝްރޫއުގެ އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ (H6 ކެޓަގަރީ) އިން ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.

ރައީސް އޮފީހުން އެ ލިސްޓު އާންމުކޮށްފައިވަނީ "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރާސާކުރުމަށްފަހުއެވެ.

އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ރައީސް އޮފީހުން މިއަދު ވަނީ އިއުލާނުކޮށްފައެވެ.

https://www.gazette.gov.mv/iulaan/download-attachment/26407

ރައީސް އޮފީހުން ބުނީ ހިޔާ މަޝްރޫއުގެ އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ (ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓު އާންމުކުރާ ކަމަށާއި އެ ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައި ނުވާ މީހުންގެ މައުލޫމާތު ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ކެޓަގަރީތައް އެ ކޮމިޓީން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓުތަކުގައި ހިމެނޭ މީހުންގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓުގައި ސޮއިކޮށްފައިވާ މީހުން އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނިކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

https://www.gazette.gov.mv/iulaan/download-attachment/26408

ރައީސް އޮފީހުން ބުނީ އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ މީހުންގެ ތެރެއިން ދަރިން ބަލަމުން އަންނަ ކަމަށް ބަޔާންކޮށް މަންމަ އަދި ބައްޕަ، ދެ ފަރާތުންވެސް ފޯމު ހުށަހަޅައި، ޝަރުތު ފުރިހަމަވާ މީހުންގެ ތެރޭގައި ހިމެނި ޕޮއިންޓް ލިބިފައިވާނަމަ، ފުލެޓު ހަވާލުކުރުމުގެ ކުރިން އެ ދެ މީހުންގެ ތެރެއިން ފުލެޓު ހަވާލުކުރެވޭނީ ދަރިން ބަލަމުން އަންނަ ފަރާތް ކަށަވަރުކޮށް އެމީހުންނަށް ކަމަށެވެ.

އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓު އެކުލަވައިލުމުގައި އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ހިޔާ މަޝްރޫޢުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިއުލާންކުރާނެ ކަމަށެވެ.