ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމައު ސޯލިހުގެ ސަރުކާރު އައުމަށްފަހު، އޭގެ ކުރިން ހިންގަމުން އައި އެއްވެސް މަޝްރޫއެއް ހުއްޓާލާފައި ނުވާނެ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ޖާބިރު މިނިސްޓަރާ ސުވާލު ކުރެއްވީ، މިސަރުކާރު އައުމުގެ ކުރިން ފައްޓާފައިވާ ޕްރޮޖެކްޓްތައް ހުއްޓާލައިގެން އެކި ފަރާތްތަކުން ބޮޑެތި އިންވެސްޓް ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައްވެސް ހުއްޓައިލުމުން، އެ ފަރާތްތަކަށް ދޭން ޖެހޭ ބަދަލު ދެނީ ކޮންފަރާތަކުންތޯ އެވެ.

ޖާބިރުގެ އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމު ވިދާޅުވީ، 2018 ވަނަ އަހަރު އިންތިހާބުވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ކުރަން ފަށާފައިވާ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް ވިދާޅުވުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ "އެ މަސައްކަތްތައް ހިންގާ ސްޕީޑަށް ކޮންމެވެސް ބަދަލެއް އައިސްފާނެ، މަސައްކަތަށް ރިވިޝަނެއް ގެނެވިދާނެ، މަސައްކަތަށް އުނި އިތުރެއް ކުރެވިދާނެ އެކަހަލަ ކަންތައްތައް ކޮށްފަ އެބަހުރި، މަސައްކަތުގެ ސައިޓް ބަދަލު ކުރެވިދާނެ، މަސައްކަތްތައް ހުއްޓާލައިފައެއް ނޯންނާނެ،" ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރު ހިނގާހިނގާ އޮއްވައި އިންތިހާބެއްގެ ތެރެއިން، އިންތިހާބުވާން އަންނަ ބަޔަކު ދައްކާ ވާހަކަތަކަކަށް ބިނާކޮށް، ބަޔަކު އިންތިހާބު ކުރާ ސަރުކާރަކަށްވެސް ކަންކަން ރީއެލަޔަންސް ކުރުމަށް އިހުތިޔާރުތައް އޮންނަ ކަމަށެވެ.

އެއީ ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖޭގައިވެސް އެކަން އޮންނަ ގޮތްކަމަށް އަސްލަމް ވިދާޅުވިއެވެ.