ރޮޑްރީގޯ ފަހު ވަގުތު ޖެހި ގޯލާއެކު ރެއާލް މެޑްރިޑުން އިންޓަ މިލާން ބަލިކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅަކީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ރެއާލްއިން ހޯދި ފުރަތަމަ މޮޅެވެ.

މެޗުގެ ކުރީކޮޅުގައި ރެއާލްއިން ކޮންޓްރޯލް ނެގިއެވެ. 25 ވަނަ މިނެޓުގައި އިންޓަގެ ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗް ކައިރިން ނައްޓައިލުމަށްފަހު ބޯޅަ ގޯލަށް ފޮނުވާލައިގެން ރެއާލްއަށް ލީޑު ނަގައިދިނީ ކަރިމް ބެންޒެމާއެވެ. އޭގެ އަށްވަރަކަށް މިނެޓް ފަހުން ރެއާލްގެ ދެވަނަ ގޯލެއްވެސް ފެނިގެން ދިޔައެވެ. އެ ގޯލް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.

ރެއާލްއަށް 500 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ސްޕެއިންގެވެސް ކެޕްޓަން ރާމޯސް ރޭ ޖެހީ އޭނާ ރެއާލް ޖާޒީގައި ޖެހި 100 ވަނަ ގޯލެވެ. އެއީ ކެރިއަރުގައި އެއްކޮށް ޑިފެންޑަރަކަށް ކުޅެމުން އަންނަ ކުޅުންތެރިއަކަށް ގިނަ އަދަދެކެވެ. ރާމޯސްއަކީ ޑިފެންޑަރެއް ނަމަވެސް އޭނާގެ ހުނަރުވެރިކަން ޕެނެލްޓީ ޖެހުމުން ގޮސް، ހިތްގައިމު ހިލޭ ޖެހުންތަކުންވެސް ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް، އާންމުކޮށް ރާމޯސްގެ ގޯލްތައް ފެންނަނީ ކޯނަރުތަކުންނެވެ. ރާމޯސްއަކީ ބޮލުން ގޯލްތައް ޖެހުމުގައި ފާހަގަ ކޮށްލެވޭ ޑިފެންޑަރެކެވެ.

ރެއާލްއިން ދެ ގޯލްގެ ލީޑަކާއެކު ކުޅެމުން ދަނިކޮށް، އިންޓަ އަނބުރާ މެޗަށް ވަނީ ރާމޯސްގެ ގޯލަށް ދެ މިނެޓް ފަހުން ލައުޓޫރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. މާޓިނޭޒް އެ ގޯލް ޖެހީ ނިކޮލާ ބަރޭލާގެ ބެކް ހީލް ޕާހަކުންނެވެ. ދެވަނަ ހާފަށް ނުކުމެ އިންޓައިން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. މާޓިނޭޒްގެ ބޮލުން ޖައްސާލި ބޯޅަ ފަސޭހަކަމާއެކު ނިންމާލީ އިވާން ޕެރިސިޗެވެ. ޕެރިސިޗަކީ މިދިޔަ ސީޒަންގައި ބަޔާންއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުޅުންތެރިއެކެވެ.

ރެއާލް މެޗުން މޮޅުކޮށްދިން ގޯލް، މެޗުގެ 80 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރީގޯއެވެ. ބްރެޒިލްގެ ޒުވާން ތަރި ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތުގައި ގޯލް ޖަހައި، ރޮޑްރީގޯ ރެއާލް މޮޅުކޮށްދިންއިރު، އެޓީމު އޮތީ ގްރޫޕް ބީގެ ތިންވަނައިގައެވެ. ގްރޫޕް ބީގައި ރޭ ބްރޫޝިއާ މޮންޗެންގްލެޑްބެޗުން 6-0ގެ ނަތީޖާއަކުން ޝަކްތާ ޑޮނެސްކް ބަލިކުރިއިރު، މޮންޗެސްންގްލެޑްބެޗް އޮތީ އެއްވަނައިގައެވެ.

މޮންޗެސްގްލެޑްބެޗަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޝަކްތާ އާއި ރެއާލްއަށްވެސް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ޝަކްތާ ގޯލް ތަފާތުން ދެވަނައިގައި އޮތްއިރު، އިންޓަ އޮތީ ގްރޫޕް ފުލުގައެވެ.