ގެއެއްގެ ފާހާނާއެއްގެ ތެރޭގައި ފެންވަރަން ހުރި މީހެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނަގައި ވީޑިއޯ ކުރި މައްސަލައިގައި، މޯބައިލް ފޯނާއި އެ ފޯނުގައި ބޭނުންކުރާ ސިމްކާޑުތަކާއި މެމޮރީކާޑުތަކާއި އެ ތަކެތީގެ ޕިން ނަންބަރު، ލޮކްކޯޑު، ފިންގަޕްރިންޓް، ފޭސް ރިކޮގްނިޝަން ފުލުހުންނަށް ދީ އެ ތަކެތި ހުޅުވައިދިނުމަށް މީހެއްގެ މައްޗަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ހައިކޯޓުން މިގޮތަށް ހުކުމް ކޮށްފައި ވަނީ، ގެއެއްގެ ފާހާނާއެއްގެ ތެރޭގައި މީހަކު ފެންވަރަން ހުއްޓައި އެގޭގައި ދިރިއުޅޭ އެހެން މީހެއް ކަމަށްވާ އދ. މާމިގިލި، ނެދުންގެ، އަހުމަދު ޝާނިޒު ބޭނުން ކުރަމުން އަންނަ ފޯނުން އެމީހާގެ އޮރިޔާން މަންޒަރުތަކެއް ނެގިކަމަށް ބުނާ މައްސަލައިގައި، އެ ފޯނުގެ އެއްޗެހިތައް ފުލުހުންނަށް ދީ އެ ތަކެތި ހުޅުވައިދިނުމަށް ޝާނިޒުއަށް އަމުރުކޮށް ނެރެފައިވާ ކޯޓު އަމުރު ބާތިލް ކުރުމަށް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެކުރި ހުކުމުގައެވެ.

އެ މައްސަަލައިގައި ނެރެފައިވާ ކޯޓު އަމުރު ބާތިލްކުރަން އެދި ޝާނިޒު ހައިކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކޯޓު އަމުރު ނެރެފައިވަނީ ބަލަންވާ ވަރަށް ކަންތައްތައް ނުބަލައި ކަމަށާއި، އެ މައްސަލައިގައި ފުލުހުން ޝާނިޒުގެ ފޯނު ހިފަހައްޓާފައި ވަނީ ވެރިފަރާތް ކަށަވަރު ނުކޮށް ކަމަށެވެ.

އެ މައްސަލަ ބެލިއިރު ފާހަގަ ކުރެވުނު ކަންތައްތައް ފާހަގަކޮށް ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ، ކަމާބެހޭ ސަބަބުތަކަށް ބަލައި އެ މައްސަލައިގައި ޝާނިޒު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކުރާއިރު ކުރިމިނަލް ކޯޓު އަމުރަށް ބަދަލު ގެންނަން ޖެހޭތަނެއް ނެތްކަމަށް މި ގަޒިއްޔާ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ހުކުމްކޮށްފިން ކަމަށެވެ.