ލަންކާގެ ބާޣީ ޖަމާއަތެއް ކަމަށްވާ، ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް، (ޕްލޮޓް) ޖަމާއަތުން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެ ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްލީ ފަހުރުވެރި ދިވެހި ސިފައިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން، މާދަމާއަކީ ރާއްޖޭގެ ނަސްރުގެ ދުވަސް ކަން ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެ ހަމަލާގައި ރާއްޖޭގެ ސިފައިންގެ ހިފުމަށް ޕްލޮޓު ޖަމާއަތުގެ ފަރާތުން އެރޭ މެންދަމުއްސުރެން އިރު އޮއްސުމާ ޖެހެންދެން ބަޑި ޖަހަމުން ގެންދިޔަ ކަމަށެވެ.

"އެ ޖަމާއަތަށް ރާއްޖޭގެ މައި މަރުކަޒަކަށް، ސިފައިންގެ މައި މަރުކަޒު ފޫއަަޅުވާލައި އެތާ އެތެރެއަކަށް ނުވަދެވުނު، އެޖަމާއަތަށް ސިފައިންގޭގެ ފާރުގައި ލޯވަޅެއް އަޅުވައިލެވުނު، އެހެން ނަމަވެސް އެޖަމާއަތަކަށް ސިފައިންގެ މައި މަރުކަޒެއް ނުހިފުނު، އަޅުގަނޑުމެން އަބަދުވެސް ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ހަގީގަތުގައި މި ކުރަނީ ސާބިތު ކަމާއެކީގައި ސިފައިން ރައްދު ހަމަލާދީ އެމަރުކަޒު ސިފައިން ހިމާޔަތްކުރި ކުރުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސިފައިންގެ ދިފާއު ކުރުމަށްފަހުގައި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބުދުލް ގައްޔޫމު ހެޔޮ ހާލުކޮޅުގައި ސަލާމަތުން ހުންނެވި ކަމަށާއި ސިފައިންގެ ވެރިންނާއި ވާހަކަ ދައްކަވަމުން އެމަނިކުފާނު ގެންދެވި ކަމަށެވެ. އަދި ސިފައިންގެ ވެރިންނާއި ކެބިނެޓްގައިވެސް އެމަނިކުފާނު މަޝްވަރާ ކުރެއްވުމަށްފަހުގައި އެއިރުގެ ފޮރިން މިނިސްޓަރާއި އޭރުގެ ޕާމަނަންޓް ސެކްރެޓަރީއާ އެކުގައި މުޅި ދުނިޔޭގެ ހުރިހާ ގައުމަކަށް ރާއްޖެއަށް އެހީތެރިވެ ދިނުމަަށް ދެންނެވުމަށް ނިންމެވި ކަމަށެވެ.

އެގޮތަށް އޭރުގައި އދ. ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު އެމަސައްކަތް ހިންގަވަމުން ގެންދެވި ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުގެމަތިން ރާއްޖޭން އެދުނު އެދުމަށް އެމެރިކާ އާއި އިނގިރޭސި ވިލާތާއި ސްރީލަންކާ އަދި އިންޑިއާއަށް އެކަން ހުށަހެޅި ނަމަވެސް އެކަމަށް އިޖާބަދީ ރާއްޖެއަށް އައުމަށް އެ ގައުމުތަކުގެ ތެރެއިން އެއްބަސްވި ހަމައެކަނި ގައުމަކީ އިންޑިއާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުގެ މަތިން އިންޑިއާ ސިފައިން ރާއްޖެ އައިސް ޕްލޮޓް ޖަމާއަތުގެ މީހުން ހިފައި ހައްޔަރުކުރި ކަމަށާއި އަނެއްބަޔަކު ފުރައިގެން ދާން މަސައްކަތް ކުރުމުން ފަހައިގޮސް އެބޯޓު ފައްތާލުމަށްފަހު އެ ހުރިހާ ޓެރަރިސްޓުން ގެނެސް ރާއްޖޭގައި ހިފައި ހައްޔަރު ކުރިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ދިވެހި ސިފައިންނާއި ދިވެހި ރައްިޔތުން ކުރި މަސައްކަތަށް އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަމުގައި މަޖިލީހުގެ ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.