ސަފާރީ ޖިންސީ ގޯނާގެ ކޭސްއާ ބެހޭ ގޮތުން، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ދެއްކެވި ވާހަކަތަކަކާ ގުޅިގެން، އެމަނިކުފާނު މައާފަށް އެދިވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެމަނިކުފާނު މައާފަށް އެދިވަޑައިގެންނެވުމަށްފަހު އިސްތިއުފާ ނުދެއްވީ ކީއްވެތޯ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ސުވާލު އުފައްދަވައިފިއެވެ.
މީކާއިލް މިހެން ވިދާޅުވީ، ރާއްޖޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ތަކުރާރުކޮށް ގެއްލުންދީ އައިންތުއަށް ފުރައްސާރަކުރަމުންދާތީ އެކަން ކަމާ ބެހޭ މުއައްސާސަތަކުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީއާޒިމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.
މީކާއިލް ވިދާޅުވީ، މިހަމަލާ ފަސްވަނަ ފަހަރަށް ދީގެން، ހަފްތާއެއް ހަމަވާން ދާއިރުވެސް ތަހުގީގީ އިދާރާއަކުން މިހާތަނަށް އޭނާއަށް އިންސާފުގެ މަގެއް ފެނިފައިނުވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
އެކަންކުރި މީހާ ސީސީޓީވީން ފެންނައިރުވެސް " މިކުޑަކުޑަ މާލޭގައި ހަފްތާއެއް ވާއިރުވެސް އެމީހަކު ހޯދިފައިނުވާކަމީ ހިތާމަކުރާކަމެއް،" އޭނާ ވިދާޅުވިއެވެ.
"ޖިންސީ ކުށުގެ އަމަލެއް ހިންގީމާ ފުލުހުންގެ މިނިސްޓްރީ އާއި ފުލުހުންގެ މުއައްސަސާއާ ހަވާލުވެ ހުންނަ، މިނިސްޓްރީގެ ވަޒީރު އެއީ ކުޑަކަމެއްކަމަށް ވިދާޅުވީމާ އަޅުގަނޑަށް ހީވަނީ މިކަހަލަ އަމަލުތަކަށް ޖުމްލަ ގޮތެއްގައި ހިތްވަރު ދެވޭހެން، އަޅުގަނޑޫ ގަބޫލުކުރަން މީގެކުރިން ހޯމް މިނިސްޓަރު މައާފަށް އެދިވަޑައިގެންފައިވޭ، އެމަނިކުފާނަށް އެ ވިދާޅުވެވުނު ބަސްފުޅުން، އެހެން ނަމަވެސް އެހެން ގައުމެއްގައިނަމަ އަޅުގަނޑުމެންނަށް ފެންނާނީ މައާފަށް އެދުމާއެކު އިސްތިއުފާގެ ސިޓީވެސް ރައީސްގެ އަތްޕުޅަށް އަރުއްވާ މަންޒަރު، އެހެންނަމަވެސް މިރާއްޖޭގައި ވަރަށް ތަފާތު ގޮތަކަށް ބައްޓަންވެފައި އޮންނަ ނިޒާމެއް މި ނިޒާމަކީ، އެއްވެސް ބޭފުޅަކު ވައްކަންކުރެއްވިއަސް ކިޔަންނުވާވަރުގެ އެއްޗެއް، ހުންނަން ނުވާވަރުގެ މަގާމެއްގައިހުރެގެން ވިދާޅުވިއަސް އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް، ހިޔާލާތެއް ހުންނަ މަންޒަރެއް ނުފެނޭ،" މީކާއިލް ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާންގެ މައްސަލަ ބޮޑުވީ، ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާންމުންގެ ތެރޭގައި އަޑުފެތުރުނު ކަހަލަ ބޮޑު މައްސަލައެއް ނޫން ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ