ޕޮޒިޓިވްވާ ފަތުރުވެރިންނާއި ރިސޯޓް މުވައްޒަފުން ކަރަންޓީން ކުރާނެ ރިސޯޓެއް ހޯދަން އިއުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން ފަތުރުވެރިން އަދި މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ހާއްސަ ރިސޯޓެއް ކަނޑައެޅުމަށް މިމިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ފާހަގަވާ ފަތުރުވެރިން އަދި މުވައްޒަފުން މި ރިސޯޓުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށް ނިންމާފައިވާ ކަމަށްވެސް އިއުލާނުގައިވެއެވެ.
- މަދުވެގެން 50 ކޮޓަރީގެ ރިސޯޓަކަށްވުން
- ކ. އަތޮޅު، އއ، އދ. އަތޮޅު ނުވަތަ ވ. އަތޮޅު ރިސޯޓެއް ކަމުގައިވުން
- ތިން މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މުޅި ރިސޯޓް ލިބުން
- ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމުތައް ރިސޯޓުން ހަމަޖެހެން ހުރުން
- ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ (އެޗްޕީއޭ) ގެ އެންމެހައި ގަވާއިދުތަކަށް ފެތޭ ފަދަ ރިސޯޓަކަށްވުން
ޓޫރިޒަމް މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެންބަރު 10ގައި ޒޫމް މެދުވެރިކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ނޮވެމްބަރު 16ގެ ކުރިން ޝައުގުވެރިކަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި އަދި މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނޮވެމްބަރު ނުވައެއްގެ ކުރިން މިނިސްޓްރީގެ އީމެއިލްއަށް ބައިވެރިވާ ފަރާތުގެ ނަމާއި އީމެއިލް އެޑްރެސް ފޮނުވުމަށް ވަނީ އެދިފައެވެ.
ރިސޯޓްތަކުން ޕޮޒިޓިވްވާ މުއައްޒަފުންނާއި ފަތުރުވެރިން ކަރަންޓީން ކުރާނެ ރިސޯޓެއް ހޯދަން އިއުލާން ކޮށްފައިވާ އިރު، މިއަދު ވަނީ ބަނޑޮސް އައިލޭންޑް ރިސޯޓުގައި ހުރި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރާ މީހަކު ކޮވިޑް ޖެހިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ މަރުވުމާއެކު އެ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު