ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްްޔޫމުގެ ވެރިކަމުގައި، ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ހިޔާ" ގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އެ ކުންފުނިތަކާ ހަވާލު ކޮށްގެން ފެށި، ސްޓާފް ހައުސިން ޕްރޮޖެކްޓް ތަކުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން އިމާރާތްކުރާ ފުލެޓް އިމާރާތުން އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުޣުނީ އެޕާޓްމަންޓެއް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާ ޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ބަލަން ފަށައިފިއެވެ.
އެ މައްސަލަ ހިމެނޭ ގޮތަށް ސްޓެލްކޯއިން ފުލެޓް ދިނުމުގައި ބޮޑެތި ތަފާތު ކުރުންތަކެއް ގެންގުޅެފައިވާ ކަމަށް ބުނާ މައްސަލަ ކޮމިޓީން ބަލަން ނިންމާފައިވަނީ އެކަމާ ގުޅިގެން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ ތަކަކާ ގުޅިގެންނެވެ.
މި މައްސަލައިގައި، ސްޓެލްކޯގައި އޮތް، ފްލެޓް ކޮމިޓީ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމައިފައެވެ.
ސްޓެލްކޯގެ ސްޓާފް ހައުސިން ޕްރޮޖެކްޓުގެ ދަށުން މުވައްޒަފުންނަށް އެޕާޓްމަންޓު ދޫކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައިގެ ތަފްސީލު ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީއާ ހިއްސާ ކުރައްވަމުން އެ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ދަށުން 15 ފަންގިފިލާގެ ދެ ރެޒިޑެންޝަލް ބިލްޑިންގް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެޕްރޮޖެކްޓް ފެށިއިރު އެތަނުން ކޮންމެ އިމާރާތެއްގައި، އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ޓޫޕްލަސް ވަން ކޮޓަރީގެ 120 އެޕާޓްމަންޓް ހިމެނޭ ކަމަށެވެ. އެހެންކަމުން ދެ ބިލްޑިންގައި އެއްކޮޓަރީގެ 144 ފުލެޓާއި ޓޫޕްލަސްވަންގެ 240 އެޕާޓްމެންޓާއެކު ޖުމްލަ 384 އެޕާޓްމަންޓް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެތެރެއިން އެއް ކޮތަރީގެ 72 އެޕާޓްމަންޓް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ސަރުކާރަށް ވިއްކަން ޖެހޭ ކަމަށް ފުރަތަމަ ކަނޑައަޅާފައި އޮތް ނަމަވެސް، ސަރުކާރަށް ވިއްކަން ކަނޑައެޅި ފުލެޓްތައް، އެގޮތަށް ގަންނަން ބޭނުން ނުވާ ކަމަށް ނިންމުމާ ގުޅިގެން، އޭގެ ތެރެއިން އެއް ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް ދެ ކޮޓަރިއަށް ބަދަލު ކުރިކަމަށްވެސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން 384 އިން 349 އަށް އެޕާޓްމަންޓްގެ އަދަދު މަދުވިއެވެ.
އިލިޔާސް ލަބީބު ވިދާޅުވީ، އެ އެޕާޓްމަންޓްތަކަށް ކުރިމަތިލުމަށް އޭރުގެ ސަރުކާރުން ފުރަތަމަ ހުޅުވައިލީ، 19 ފެބްރުއަރީ 2018 ގައި ކަމަށާއި، އެ ފަހަރު ހުޅުވައިލި މުއްދަތުގެ ތެރެއިން 7 މާޗް 2018 ގައި، ފްލެޓް ދޭ އުސޫލަށް ބަދަލު ގެނެސް، އެ ކުންފުނީގެ މުވައްޒިފުންގެ ތެރެއިން ޕްރޮބޭޝަން ޕީރިއަޑުގައި ތިބި މުވައްޒިފުންނާއި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މުވައްޒިފުންނާއި، އިންޓާންޝިޕްގެ ދަށުން މަސައްކަތްކުރާ މުވައްޒިފުންގެ ތެރެއިން ތިންމަސް ވެފައިވާ މުވައްޒަފުންނަށް ކުރިމަތިލެވޭ ގޮތް ހެދި ކަމަށްވެސް ވިދާޅުވިއެވެ. އެފަހަރު ކުރިމަތިލި ހުރިހާ މުވައްޒަފުންނަށް ފްލެޓް ލިބުނު ކަމަށާއި، ނަމަވެސް ދެވަނަ ފަހަރަށް 22 ސެޕްޓެމްބަރު 2019 ގައި ފުރުސަތު ހުޅުވައިލިއިރު، އަސާސީ ޝަރުތުތަކަށް ބަދަލު ގެނެސް، ޑައުންޓްޕޭމެންޓް ދެއްކުމަށް ގެނައި ބަދަލުތަކުގެ ސަބަބުންވެސް އިންސާފާއި ހަމަހަމަކަން ގެއްލިފައިވާކަން ފާހަގަ ވާކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، ސްޓެލްކޯ ފަދަ އާއްމުންނަށް ހިދުމަތް ދިނުމަށް މެއިންޑޭޓް ދީފައިވާ ކުންފުނިތަކަކީ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ޖެހޭ ކުންފުނިތައް ނޫން ކަމަށާއި އެ ކުންފުނިން އެޕާޓްމެންޓް ދޫކޮށްފައިވާ ގޮތް ބެލުމަށްފަހު އެ ފްލެޓްތައް އަތުލަން ޖެހޭ ކަމަށެވެ.
ބައެއް މެންބަރުން އެންމެ ބޮޑަށް ފާހަގަކުރީ، ސްޓެލްކޯގެ އެމްޑީ މުޣުނީގެ ނަމުގައި ފުލެޓެއް ނަގާފައިވާ މައްސަލައެވެ. އެކަމާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، މުޣުނީ އަކީ ކިހާ ނިކަމެތި ބޭފުޅެއްތޯ ބަލަން ޖެހޭ ކަމަށެވެ.
ބޮންޑޭގެ އެ ހުށަހެޅުމަށް ބައެއް މެންބަރުން ތާއީދު ކުރެއްވިއެވެ. އަދި ފްލެޓް ނަގާފައިވާ މުޣުނީ އަކީ ސްޓެލްކޯގެ އެމްޑީތޯ ނުވަތަ، އެނަން ކިޔާ އެތަނުގެ މުވައްޒިފެއްތޯ ބެލުމަށްވެސް ބައެއް މެންބަރުން ވާހަކަ ދެއްކެވިއެވެ.
ސްޓެލްކޯއިން އިމާރާތް ކުރަމުން އަންނަ ފްލެޓްތައް ލިބުނު ފަރާތްތަކަށް އެކަން އަންގައިފީނަމަވެސް ފްލެޓްތައް އަދި ނިމިފައެއް ނުވެއެވެ. އެ މަސައްކަތް ދަނީ ކުރިއަށެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ