އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމަށް އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އުރީދޫން ބުނީ، އެކުންފުނީގެ ޑިޖިޓަލް ޕޭމަންޓް ހިދުމަތާއެކު ކަސްޓަމަރުންނަށް މީރާއަށް ވަގުތުން ވަގުތަށް ފައިސާ ދައްކައި އެންމެ ފަހުގެ އަޕްޑޭޓްތައް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށެވެ.

އޭގެ އިތުރުން އާންމު ފަރުދުންނަށާއި ކުންފުނިތަކަށް ވެސް އެއްގަމު އުޅަނދުފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި އަދި މުދަލު ޒަކާތް 'ވާރު ޕޭ' ގައި ހިމެނޭ އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް ކުރަން ޖެހޭ ކަންކަމަށް ފަސޭހަކަމެއް ގެނެސްދޭ އާ ހިދުމަތްތައް ތައާރަފުކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެމް-ފައިސާ އަކީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގެ އެންމެ ގިނަ އާންމު ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދޭ ޑިޖިޓަލް ޕޭމަންޓް ހިދުމަތް. އަޅުގަނޑުމެންގެ ޕާޓްނަރުންގެ ތެރޭގައި މީރާ ހިމެނިގެން ދިޔުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. އަދި މިއާއެކު، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި މުދަލު ޒަކާތް ދެއްކުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް ޔަގީންކުރަން." ނަޖީބް ހާން ވިދާޅުވި އެވެ.

  • 1- 'ވާރު ޕޭ' އެޕް ޑައުންލޯޑް ކުރައްވާ
  • 2- ފައިސާ ދައްކަވަން ބޭނުންވާ ފީ ނަންގަވާ
  • 3- މައުލޫމާތުތައް ފުރިހަމަކުރައްވާ
  • 4- Payment ނެންގެވުމަށް ފަހު Continue to Pay ނަންގަވާ
  • 5- m-Faisaa ނަންގަވާ
  • 6- އެމް ފައިސާ ނަންބަރު ޖެއްސެވުމަށް ފަހު Pay ނަންގަވާ
  • 7- އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ، ފައިސާ ދެއްކެވުން ފުރިހަމަކުރައްވާ

އުރީދޫ އެމް-ފައިސާ އަކީ ފައިސާ ޖަމާކުރުމަށާއި ފައިސާ ނެގުމަށާއި ޓްރާންސްފާ ކުރުމަށް އަދި ވިޔަފާރިކުރުމުގައި ފައިސާ ދެއްކުމަށް ކޮންމެ ތަނަކު، ކޮންމެ ވަގުތެއްގައި ވެސް ބޭނުންކުރެވޭ ޑިޖިޓަލް ޕޭމަންޓް ހިދުމަތެކެވެ.

އޭގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް އަދި އުރީދޫގެ ހިިދުމަތްތަކުގެ އިތުރުން ތަފާތު އެކި ހިިދުމަތްތަކުގެ ބިލުތަކާއި ރޯދަ މަހު ފިތުރު ޒަކާތް ފަސޭހަކަމާއެކު ދައްކާލެވެ އެވެ. އަދި އެމް-ފައިސާ ކަސްޓަމަރުންނަށް ބީއެމްއެލް، އެމްއައިބީ އަދި އެސްބީއައިގެ ބޭންކު އެކައުންޓުތައް މެދުވެރިކޮށް، ޑިޖިޓަލް ވޮލެޓްތަކަށް ކޭޝްއިން ކުރެއްވޭނެ އެވެ.

  • 1- އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ : http://ore.do/app
  • 2- m-Faisaa ނެންގެވުމަށް ފަހު registration ނަންގަވާ
  • 3- މައުލޫމާތުތައް ފުރިހަމަކުރެއްވުމަށް ފަހު، އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
  • 4- ފޯނު ނަންބަރު ޖެއްސެވުމަށް ފަހު 4 ނަންބަރުގެ ޕިންއެއް ޖައްސަވާ
  • 5- އަނެއްކާވެސް، ފޯނު ނަންބަރު ޖެއްސެވުމަށް ފަހު، ކުރިން ޖެއްސެވި 4 ނަންބަރުގެ ޕިން ޖައްސަވާ
  • 6- އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ، ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާ.