އުރީދޫ މޯލްޑިވްސް އާއި ދިވެހި ފުލުހުން ގުޅިގެން، މާލެ އަދި ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ލިޓަރަސީ އަދި ސްކޭމަށް ހޭލުންތެރި ކުރުމަށް ސެޝަނެއް ބާއްވައިފިއެވެ.

އުރީދޫން މިއަދު ބުނީ މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާންމުކޮށް ހިންގާ ސްކޭމްތައް ދެނެގަތުމަށާއި ޑިޖިޓަލް ހިދުމަތްތައް އިތުބާރާއެކު ރައްކާތެރިކޮށް ބޭނުންކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށް ކަމަށެވެ.

އުރީދޫން ބުނީ ޑިޖިޓަލްވަމުންދާ މުޖުތަމައެއްގައި އެންމެންނަށްވެސް ރައްކާތެރިކަމާއެކު ބައިވެރިވެވޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކޮށް، އުރީދޫ މޯލްޑިވްސްއިން މި ސެޝަންތައް އިންތިޒާމުކުރީ އޮންލައިންކޮށް ރައްކާތެރިވުމަށް ބޭނުންވާ އަމަލީ މައުލޫމާތު އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

މަކަރާއި ހީލަތުން ކުރާ ކޯލްތަކާއި މެސެޖުތަކާއި ފިޝިން ލިންކްތަކާއި އެހެން މީހަކަށް ހެދިގެން އޮޅުވާލަން މަސައްކަތް ކުރުމާއި މާލީ ނުވަތަ ޒާތީ މުހިންމު މައުލޫމާތު ހޯދަން އެދުން ފަދަ އާންމުކޮށް ހިންގާ ސްކޭމްތަކުގެ ބާވަތްތަކަށް ބައިވެރިން އަހުލުވެރި ކުރުވިއެވެ. މީގެ އިތުރުން، ޕާސްވޯޑާއި އޯޓީޕީ އާއި ބޭންކިން މައުލޫމާތާއި އެހެނިހެން ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ މުހިންމުކަމާއި ޝައްކު ކުރެވޭ ފަދަ މުއާމަލާތަކާ ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތަކަށްވެސް މި ސެޝަންގައި އަލިއަޅުވާލާފައިވާ ކަމަށް އުރީދޫން ބުންޏެވެ.

ސްކޭމްތަކަށް ހޭލުންތެރިކުރުވުމުގެ އިތުރުން، ސްމާޓްފޯނާއި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ހިދުމަތްތައް ރައްކާތެރިކަމާއެކު ބޭނުން ކުރާނެ ގޮތުގެ އިރުޝާދު ދީފައިވެއެވެ.

އުރީދޫން ވަނީ އިސްރަށްވެހިންގެ ނާދީއާއެކު 2018 ވަނަ އަހަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ޕްރޮގްރާމަކީ ވެސް އެ ގުޅުމުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށް އުރީދޫން ބުންޏެވެ.