އުރީދޫ މޯލްޑިވްސްގެ "ގްރޯ ވިތް އުރީދޫ" ގެ ދަށުން އައްޑޫ ސިޓީ މީދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިއެވެ.
މިއީ ގައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އުރީދޫގެ "ގްރޯ ވިތު އުރީދޫ" ކެމްޕޭނުގެ ދަށުން މި މަހުގެ 15 އަދި 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ.
އައްޑޫ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި، އެ ރަށުގައި އަލަށް ހެދި ނާސަރީއާއި ދަނޑުވެރިންގެ މާރުކޭޓު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. މީގެ އިތުރުން، ދަނޑުވެރިން މަސައްކަތުގައި އުޅޭ ވަގުތުތަކުގައި ފަސޭހަކަމާއެކު އަޅުކަންކުރުމަށްޓަކައި އުރީދޫގެ އެހީތެރިކަމާއެކު ބިނާކުރި ނަމާދުކުރާ ގެވެސް ވަނީ ހުޅުވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
މި ހަރަކާތުގެ ތެރެއިން، މީދޫގައި އަލަށް ހުޅުވި ނާސަރީއަށް އުރީދޫން ވަނީ މޭވާ އަޅާ ގަސް ހަދިޔާކޮށްފައެވެ. އަދި އައްޑޫގައި މަސައްކަތްކުރާ އުރީދޫގެ މުވައްޒަފުންނާއި މީދޫގެ އާންމު ރައްޔިތުން ގުޅިގެން އެ ނާސަރީގައި ގަސް އިންދުމުގެ ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އުރީދޫގެ މި ހަރަކާތުގައި "ގްރޯ ވިތު އުރީދޫ" ގެ ބްރޭންޑް އެމްބަސެޑަރު އަދި އައްޑޫގެ ފާހަގަކޮށްލެވޭ ދަނޑުވެރިޔާ އަބްދުﷲ ރަމްޒީ ބައިވެރިވިއެވެ. އަމިއްލަ ނާސަރީއެއް ހިންގަމުން އަންނަ ރަމްޒީ ބުނި ގޮތުގައި، ދަނޑުވެރިންގެ ކުރިއެރުމަށް ގިނަ ފަރާތްތަކެއް ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
"އަލަށް ހުޅުވުނު ނާސަރީއާއެކު ގާއިމުކުރެވުނު ނަމާދުކުރާ ގެއަކީ ކޮންމެ ދުވަހަކު މިތަނުގައި މަސައްކަތްކުރާ ދަނޑުވެރިން ފަސޭހަކަމާއެކު ނަމާދުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް،" ރަމްޒީ ބުންޏެވެ. އޭނާ އިތުރަށް ބުނީ، މިފަދަ ހަރަކާތްތަކުގެ ސަބަބުން ދަނޑުވެރިކަމުގެ މުހިންމުކަން ދެނެގަނެ، މި ދާއިރާއަށް އިތުރު ޒުވާނުން ނުކުތުމަށް ހިތްވަރު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"ގްރޯ ވިތު އުރީދޫ" އަކީ ދެމެހެއްޓެނިވި ދިރިއުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް ބާރުއެޅުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އުރީދޫން ބުނި ގޮތުގައި، މީދޫގެ ދަނޑުވެރިންނަށް ފޯރުކޮށްދިން މި އެހީތެރިކަމަކީ އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގެ ކުރިއެރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް