ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަކެއް އުފައްދައިގެންވެސް ގޯލް ނުޖެހޭތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ، މާޔޫސް ވާކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑޯ ކޯމަން ބުނެފިއެވެ.

މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުން ބާސާއަށް އަށް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު އޮތީ ތާވަލުގެ 12 ވަނައިގައެވެ. ކުޅުންތެރިޔަކު މަދުކޮށް މެޗުގެ ފަހު ހާފްގެ ބޮޑު ބައެއްގައި ކުޅުނު ޑެޕޯޓިވޯ އަލާވޭސް ކައިރިންވެސް ރޭ ބާސާއަށް ސަލާމަތް ނުވެވި 1-1 ގެ ނަތީޖާއަކުން މެޗު ނިމުނުއިރު، އެންމެފަހުން އެޓީމު ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އެއީ ބާސާ ތާރީހުގައިވެސް އެންމެ ދަށް އެއް ލީގު ފެށުމެވެ. މިއަހަރުގެ ކުރިން އެހާ ދަށްކޮށް ބާސާއިން ލީގު ފެށީ 2002-03 ވަނަ އަހަރު ލުއި ވެންހާލްގެ ކޯޗު ކަމުގެ ދަށުންނެވެ.

ރޭގެ މެޗުގައި ބާސާއިން 20 ފުރުސަތު ތަނަވަސް ކުރިއިރު އޭގެން ނުރައްކާ ކުރެވުނީ ދެ ފުރުސަތެއް ގައެވެ. 25 ޝޮޓްގެ ތެރެއިން ނުވަ ޝޮޓެއް ގޯލާ ދިމާވި ނަމަވެސް ނުރައްކާ ކުޑައެވެ. އަދި އަށް ހަމަލާއެއް ބްލޮކް ވެ، އަށް ހަމަލާއެއް ވަނީ ބޭރަށްވެސް ގޮސްފައެވެ.

"އެޓޭކްގައި ދައްކަމުންދާ ކުޅުމާމެދު ކަންބޮޑުވެ މާޔޫސްވޭ. ޓީމުގެ އެޓިޓިއުޑް މައްސަލައެއް ނުޅޭ. އެއީ އަމިއްލައަށް ޔަގީންކަން ނޯންނަނީ ގޯލް ކުރިމަތީގައި. ޔުވެންޓަސް މެޗުގައި މޮޅުވި ނަމަވެސް އެ މައްސަލަ ދިމާވި. ރޭ އަލާވޭސްއަށް އަހަރެމެން ގޯލެއް ދިނީ ހަދިޔާއަކަށް. އެކަމަކު އަނެއްކޮޅަށް ގޮސް ނިންމާލި ނަމަ މެޗުން މޮޅުވީސް. ފައިނަލް ޕާސް، ނިންމާލުން، އެކަންކަމުގައި ސަމާލުވާން ޖެހޭ. މެޗެއްގައި އެހާ ބައިވަރު ފުރުސަތު ގެއްލުވައެއް ނުލެވޭނެ،" ކޯމަން ބުނެފައި ވެއެވެ.

ބާސާގެ ކެޕްޓަން ލިއޮނަލް މެސީއަށް ވެސް މިއީ ދަށް ފެށުމެކެވެ. ސީޒަންގެ ކުރިން ކްލަބު ދޫކޮށްލަން ކުރި މަސައްކަތަކަށް ބާސާގެ އޭރުގެ ރައީސް ޖޯސެފް ބާޓޮމިއޫ ހުރަސް އަޅާފައި ވުމުން މެސީގެ ހިތްވަރަށް ބަދަލުތަކެއް އައިސްފައިވާއިރު، މިދިޔަ ހަފްތާގައި ބާޓޮމިއޫ ވަނީ އިސްތިއުފާވެސް ދީފައެވެ. އެހެންނަމަވެސް އަދިވެސް މެސީގެ ފަރާތުން ހިތްހަމަ ޖެހުމެއް ފެނިފައެއް ނުވެއެވެ.