އިނގިރޭސިވިލާތުގައި ކޮވިޑް ކޭސްތައް މިލިއަނަކަށް އެރުމާއެކު އަނެއްކާވެސް ލޮކްޑައުން އަކަށް ދިއުމަށް އެގައުމުން ނިންމައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެއްމަސް ދުވަހުގެ ލޮކްޑައުން އަކަށް ދިއުމަށް ނިންމާފައިވާކަން އިއުލާނު ކުރައްވައިފަ އެވެ.

ބޮޑުވަޒީރު ވިދާޅުވީ އަންނަ ހަފްތާގައި އޮންނަ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަށްފަހު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެގައުމު އެއްކޮށް ލޮކްޑައުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން ލޮކްޑައުންގެ މައުލޫމާތު އިއުލާންކުރައްވަން މީގެކުރިން ނިންމަވާފައި އޮތީ އަންނަ ހޯމަ ދުވަހުއެވެ. ނަމަވެސް އިއްޔެ އެގައުމުގެ ނޫސްތަކުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ލީކުކޮށްލުމާއެކު ނޫސްވެރިންގެ ބައްދަލުވުމެއް އަވަހަށް ބާއްވަވަން ބޮޑުވަޒީރަށް މަޖުބޫރުވެވަޑައިގެންނެވީ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

އިނގިރޭސިވިލާތުގެ ކޮވިޑް ކޭސްތައް މިލިއަނުން މައްޗަށް އަރާފައިވާއިރު އިއްޔެ އެކަނިވެސް 21915 ކޭސް ފެނިފައި ވެއެވެ. އަދި 326 މީހުން އިއްޔެ އެކަނި ވެސް ކޮވިޑު ޖެހިގެން މަރުވެފައި ވެއެވެ. އެގައުމުން މިހާރު ޖުމްލަ 46555 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.