ދިވެހިންގެ ތެރެއިން ބަޔަކާ ގުޅިގެން ސްރީލަންކާގެ ތަމަޅަ ބާޣީންގެ ބަޔަކު ރާއްޖެ އަރައި 19 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާއިން ނަސްރު ލިބުނު ދުވަސް، ފާހަގަ ކުރުމަށް "ބަޑި ބުރާސްފަތި"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލީޝަނުން ކާނިވާ ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ސްރީލަންކާގެ ބާޣީ ޖަމާއަތެއް ކަމަށްވާ "ޕްލޮޓް" ޖަމާއަތުގެ ހަނގުރާމަވެރިން ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެ ހަމަލާއިން ރާޖެއަށް ކާމިޔާބު ލިބުނު ދުވަސް، އެ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް ރާއްްޖޭގައި ފާހަގަކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގަ އެވެ.

އެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ކޯލިޝަނުން ބާއްވަން ހަމަޖެހިފައިވާ ޖަލްސާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ހުއްދަ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ލިޔުމުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން މަލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުރުން މިހާރު ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުކޮށް ޖަލްސާ ކުރިއަށް ގެންދިއުމުގެ ހުއްދައަކަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ މި ދުވަސް ފާހަގަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރަން ކެރޭނެ ކަމެއް ނޫން، އެހެން މިދަންނަވާލަންޖެހޭ ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަފައިކަލޭގެއަކީ މި ހަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން ހިމެނޭ މީހެއް ކަަމަށް އަޅުގަނޑުމެންނަށް މިއޮންނަނީ ހުރިހާ ގޮތަކުން ވެސް އެނގެން. އެހެންވީމާ މި ސަރުކާރަށް ރާއްޖޭގެ ފަހުރުވެރި ނަސްރުގެ ދުވަސް ފާހަގަކުރާކަށެއް ނުކެރޭނެ އެއީ އެމްޑީޕީގެ ސަރުކާރަށް ކުރަން ހެޔޮވާވަރު ކަަމަކަށް ނުވާތީ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ނަސްރުގެ ދުވަހާ ގުޅުވައިގެން އިދިކޮޅުން ބާއްވާ ޖަލްސާ އޮންނާނީ ނޮވެމްބަރު ތިންވަނަ ދުވަހު ރޭ 8:30ގައި ކަމަށެވެ. އަދި ހުއްދަ ނުދިން ކަމުގައި ވިޔަސް އެ ޖަލްސާ ބާއްވާނެ ކަމަށާއި އެކަމަށްޓަކައި ޕްލޭން އޭއިން ފެށިގެން ޒެޑާ ހަމައަށް ކަންކަން ރާވާފައިވާ ކަމަށް ވިދާޅުވި އެވެ.