ކޮވިޑް 19އިން ރަނގަޅުވެ ކްރިސްޓިއާނޯ ރޮނާލްޑޯ އިންސްޓާގްރާމް އަދި ފޭސްބުކަށް ލާފައިވާ ފޮޓޯއެއްގެ ކެޕްޝަންއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި ރޮނާލްޑޯ ޖަހާފައި ވަނީ "ކައިޒެން ފިލޯސަފީ"ގެ ވާހަކައެވެ. އެއީ މުޅިން އާ ވާހަކައެއް ނޫނެވެ. އެއީ ޖަޕާނުގައި މަޝްހޫރު ފިލޯސަފީއެކެވެ. ސުވާލު އުފެދުނީ ރޮނާލްޑޯ އާއި ކައިޒެން ގުޅެނީ ކިހާ ހިސާބަކުންތޯއެވެ.

ފުރަތަމަ ކަމަކަށް ކައިޒެންއަކީ ކޮބައިކަން އެނގެން ޖެހެއެވެ. ކައިޒެންއަކީ ޖަޕާނުގެ ބަހުން ނަމަ "ކުރިއެރުމެވެ." ޖަޕާނު މީހުންގެ ވިސްނުމަށް އެ ފިލޯސަފީއަކީ އަމިއްލަ ނަފްސަށް ދިގު މުއްދަތަކަށް ގެނެސްދޭ ކުރިއެރުން ނަމަވެސް، ބޭނުން ކުރަނީ ވިޔަފާރިތަކުގައެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަޕާނުގެ އިގްތިސޯދު ފުނޑުމުން، އަލުން އަރައިގަތުމަށް އެންމެ ބޮޑަށް ބޭނުންކުރި ފިލޯސަފީއަކީ ކައިޒެން ކަމަށް ވެއެވެ. އޭގެ ފަހުން ދުނިޔޭގެ އެހެން ގައުމުތަކުގެ ވިޔަފާރި ކުންފުނިތަކުގައި ހިތްވަރެއްގެ ގޮތުން އެ ފިލޯސަފީ ބޭނުން ކޮށްފައި ވެއެވެ.

ކައިޒެންގައި ބުނެފައި ވަނީ "އަމިއްލަ ނަފްސަށް ގެންނަ ކުރިއެރުންތަކުގެ ތެރެއިން ގޭތެރޭގެ އިތުރުން އިޖުތިމާއީ ކަންކަމުގަ އާއި މަސައްކަތުގެ މާހައުލުގައި ކުރިއެރުން ހޯދޭނެ،" ކަމަށެވެ. އެ ފިލޯސަފީގައި ވިސްނައިދެނީ މިއަދު ކުޑަ ތަންކޮޅެއް ގެއްލުނު ނަމަވެސް މާދަމާ އަށް ވިސްނައި ދުރު މުސްތަގުބަލުގެ ކާމިޔާބީއަށް ވިސްނުން މުހިއްމު ކަމަށެވެ. އެގޮތުން ކާމިޔާބީއަކަށް ހުރިހާ ކަމެއް ނުވި ނަމަވެސް، ކުރެވެން އޮތް ކަމެއް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އެ ފިލޯސަފީގައި ބުނެއެވެ. އެ ފިލޯސަފީ ބޭނުންކުރާ މައިގަނޑު އެއް ކުންފުންޏަކީ ޖަޕާނުގެ ކާރު ކުންފުނި ޓޮޔޯޓާއެވެ.

ކޮވިޑް 19 ޖެހިގެން ރޮނާލްޑޯއަށް ކަރަންޓީނުގައި ހުންނަން ޖެހުމުން ލީގު މެޗުތަކުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ބާސާއާ ދެކޮޅަށް ކުޅުނު މެޗުވެސް ގެއްލުނެވެ. އާންމުކޮށް ބުރަ މަސައްކަތް ކޮށް، އަޒުމް ވަރުގަދަކޮށް ހުރުމަށް އެކިއެކި ފިލޯސަފީތަކުގެ މެސެޖުތައް ދޭ ރޮނާލްޑޯއަކީ މީގެ ކުރިންވެސް ކައިޒެންގެ ފިލާވަޅުތައް ބޭނުންކުރާ ކުޅުންތެރިއެކެވެ. ބެލެވޭ ގޮތުގައި ރޮނާލްޑޯ އެކަނި ކަރަންޓީނުގައި ހުރިއިރު ކައިޒެންގެ ފިލޯސަފީތައް ބޭނުންކުރީ މެޗުތައް ގެއްލުނުނަމަވެސް، ހިތްވަރު އެލުވާނުލައި ސީޒަންގެ ބާކީ ބަޔަށް ތައްޔާރުވުމަށް ވިސްނުން ހޯދުމަށެވެ.

ރޮނާލްޑޯ ކަރަންޓީނުގައި ހުރިއިރުވެސް ފިޓްނަސް ބެލެހެއްޓުމުގެ މަސައްކަތުގައި އުޅޭ ވީޑިއޯތައް އާންމުކޮށްފައި ވެއެވެ. އިއްޔެގެ ޓެސްޓް ނަތީޖާ ނެގެޓިވް ވުމުން އަންނަ ހަފްތާ ތެރޭގައި ރޮނާލްޑޯ އަނބުރާ ދަނޑު މައްޗަށް ނުކުންނާނެ ކަމަށް ބެލެވެއެވެ.