ރޭ ޓޮޓެންހަމްއިން ޔޫރޮޕާ ލީގުގައި ބެލްޖިއަމް ލީގުގެ އެއްވަނައިގައި އޮތް ރޯޔަލް އެންޓްވާޕާ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. ފުރަތަމަ 11 އަށް ބަދަލުތަކަކާއެކު ހޯޒޭ މޮރީނިއޯ ރޭގެ މެޗަށް ޓީމު ނެރެފައިވާއިރު، ޖިއޮވާނީ ލޮ ސެލްސޯ، ސްޓީވަން ބާގްވިންގެ އިތުރުން ކާލޮސް ވިނީސިއަންސް، ގެރެތު ބޭލް އަދި ޑެލީ އަލީ ރޭގެ ފުރަތަމަ 11 ގައި ހިމަނާފައެވެ. އޭގެ ތެރެއިން ހަތަރު ކުޅުންތެރިން ހާފް ނިމުމުން ބަދަލުކުރިއިރު، ފުރަތަމަ ހާފް ފެށިގެން އިރުކޮޅެއްވެސް ނުވަނީސް ބޭލްވެސް ވަނީ ބާލައިފައެވެ.

ފުރަތަމަ ހާފްގައި ރޯޔަލް އެންޓްވާޕްގެ ލިއޯ ރަފައެލޯ ޖެހި ގޯލާއެކު ޓޮޓެންހަމް މާޔޫސް ކޮށްލިއިރު، މޮރީނިއޯ ރުޅިގަދަވެ ބުނެފައި ވަނީ ހާފް ނިމުމުން ފުރަތަމަ 11 އެއްކޮށް ބަދަލުކޮށްލަން ބޭނުންވި ކަމަށެވެ.

"ހާފް ނިމުމުން 11 ކުޅުންތެރިން ބަދަލުކޮށްލަން ބޭނުންވި. ފަސް ބަދަލުވެސް ނުކޮށް ފަހަށް ބޭއްވީ 45 މިނެޓް ވަންދެން ބަދަލެއް ނުކޮށް ހުރުމަކީ ބޮޑު ރިސްކެއް ކަމަށް ވާތީ. އެންމެ މީހަކަށް މިސްޓޭކަށް ބްލޭމް ކުރެވޭނީ. އަހަރެން ފުރަތަމަ 11 ކުޅެން އެރުވީ. ފުރަތަމަ ހާފް ނިމުމުން ކަންކަން ހައްލުކުރަންވެސް އުޅުނިން. އެކަމަކު ކަންކަން ހައްލެއް ނުވި،" ހާފް ނިމުމުް އެއްފަހަރާ ހަތަރު ބަދަލުކުރި ކުރުން ތަފްސީލު ކޮށްދެމުން މޮރީނިއޯ ބުނެފައިވެއެވެ.

މޮރީނިއޯ ބުނެފައި ވަނީ ނަތީޖާއަކީ ހައްގު ނަތީޖާ ކަމަށާއި، ދަށް ކުޅުމަކުން ނަތީޖާ ތަފާތު ވާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށެވެ. މޮރީނިއޯ އިތުރަށް ބުނީ އޭނާގެ އެންމެ ވަރުގަދަ ޓީމު އެނގޭ ނަމަވެސް، ދެން ތިބި ކުޅުންތެރިންނަށްވެސް ފުރުސަތެއް ހައްގު ކަމަށެވެ. އެ ކުޅުންތެރިންގެ ބޭނުން ކުރުމަކީ އަމިއްލަ ޒިންމާއެއް ކަމަށްވެސް މޮރީނިއޯ ބުނެފައި ވެއެވެ.

ޓޮޓެންހަމްއިން ރަނގަޅު ޓްރާންސްފާތަކަކާއެކު މި ސީޒަނަށް ތައްޔާރުވެ، ލީގުގައި އަންނަނީ ރަނގަޅު ނަތީޖާތަކެއްވެސް ނެރެމުންނެވެ. ހާއްސަކޮށް ޓީމުން އެންމެ ވަރުގަދަކޮށް ފެންނަނީ ރޭގެ މެޗުގެ ފުރަތަމަ 11 އިން ނުފެނުނު ހެރީ ކޭންއާއި ހިއުން މިއުން ސޮންއެވެ.