ކުޅިވަރުގެ ގާނޫނަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުން ގިނަ ކުޅިވަރުތައް ސަސްޕެންޑު ކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ހަސަން ލަތީފު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފައެވެ. އެ ބިލު ފޮނުއްވުމަށްފަހު ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.
ހަސަން ލަތީފު ކުޅިވަރުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހާ ގުޅިގެން މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ކުރިއަށްދާ ކަމަށެވެ.
"އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ހިންގަނީ ޑިމޮކްރެޓިކްކޮށް، ރާއްޖޭގެ ގާނޫނު ނުވަތަ އިންޓަނޭޝަނޭޝަނަލް ގާނޫނުތަކުގެ ގަވައިދުތަކާ އެއްގޮތަށް. ހަސަން ލަތީފުގެ ބައެއް އިސްލާހުން ރާއްޖޭގެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑު ކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ހަސަން ލަތީފު މިއަދު ވިދާޅުވީ ކުޅުންތެރިންނާއި، ކުޅިވަރު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަނބޮޑުވުންތަކަށް އެ އިސްލާހުތަކުން ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށާއި ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމާއި އެފަދަ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަވާނެ އުސޫލެއް ގާއިމުކުރުން ވެސް އިސްލާހު ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށް ފެންނަ އިތުބާރު ކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއް ކަމުގައި ހެދުމާއި، ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން ވެސް އެ ގާނޫނަށް އިސްލާހު ހުށަހެޅި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފު ހުށަހެޅުއްވި ބިލަށް ތާއީދު ކުރައްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ ވިދާޅުވެފައެވެ.
އެ ބިލާ ގުޅޭގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ކުޅިވަރު އެސޯސިއޭޝަންތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ގޮތަށް ހިންގެވުން ކަމަށެވެ. އަދި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުމަކީވެސް ބޭނުންތެރިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހަސަން ލަތީފުގެ ބިލުން މި ކަންކަން ހާސިލުވާނެ." ނަޝީދު ވިދާޅުވިއެވެ.
ހަސަން ލަތީފް ހުށަހެޅުއްވި ބިލުގައިވާ މައިގަނޑު ބަދަލަކީ ގައުމީ ކުޅިވަރު ކައުންސިލުގެ އެކުލެވުމަށް ގެނެވިފައިވާ ބަދަލުތަކުގެ އިތުރުން ކައުންސިލުގެ ބައެއް މެންބަރުން އިންތިހާބު ކުރެވޭ އުސޫލަށް ގެނެސްފައިވާ ބަދަލުތަކެވެ.
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް