ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް މިއަދު ނެތް ކަމަށާއި ދެގޮތެއް ނުވެ އެއް ވިސްނުމެއްގައި ހުރި ލީޑަރެއް ވެސް ނެތް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު މަހުލޫފު ވަކިވެވަޑައިގެންނެވުމުން، އޭނާއަށް ވަނީ ޝޯޝަލް މީޑިއާގައި ބައެއް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އެގޮތުން އޭނާ އެމްޑީޕީން ވަކިވެވަޑައިގެންނެވީ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގެންނެވުމަށް ކަމަށް ބައެއް މީހުން ބުނަމުންދިޔައެވެ.

އެ ފާޑުކިޔުންތަކަށް ރައްދުދެއްވުމަށް މަހުލޫފު ފޭސްބުކްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ ނިންމުމާއެކު މަރުހަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށާއި ނިންމުން ބަލައިނުގަނެވުނު ފަރާތްތަކުގެ އަރިހުން މައާފަށް އެދޭ ކަމަށެވެ. އަދި ގިނައިން ފާޑުކިޔާފައިވަނީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން އެންމެ މަސައްކަތްކުރި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިއްޔެ ރަނގަޅުވި މީހުންނަށް މިއަދު، ގޯސްވެއްޖެއެވެ. ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް ނެތެވެ. ދެގޮތެއް ނުވެ އެއް ވިސްނުމެއްގައި ހުރި ލީޑަރެއް ނެތެވެ..،" އޭނާ ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ އެމްޑީޕީން ވަކިވާން ނިންމެވި ނިންމެވުމަކީ ވަރަށް އުނދަގޫވި ނިންމެވުމެއް ކަމަށާއި ނަމަވެސް، ވަކިވެގެން ދިޔައީ ކީއްވެގެންކަން، ޝަކުވާއެއްގެ ގޮތުގައި ކުރަން ބޭނުންނުވާ ކަމަށެވެ. އަދި ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަގުވަޒަންކުރުމާ، ބަލައިގަތުމާ، މަރުހަބާ ކިޔުމާ އަދި މުހިންމު ކަމުގެ އިހުސާސަށްވުރެ ވަކި އިތުރަށް އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް ނެތެވެ..،" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވަނީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއާއެކު ކުރެއްވި މަސައްކަތާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ކުރެއްވި މަސައްކަތްތައް ވެސް ފާހަގަކުރައްވައިފައެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ 2018 ވަނަ އެމްޑީޕީ ވެރިކަމަށް ގެނެސްފައިވަނީ ޖަލުން އަދި ގޭބަންދުން، އެތައް ގުރުބާނީއެއްވެގެން ކަމަށާއި މަސައްކަތްކޮށްގެން މަގާމެއް ހައްގުވަންޏާ ފުރަތަމަ ގުނާ އެކަކަށް އޭނާ ވާނެ ކަމަށެވެ. އަދި ވަޒީރު ކަމަކީ ތަބަކަށް ލާފަދިން މަގާމެއް ނޫން ކަމަށް ވިދާޅުވިއެވެ.