ޑިޖިޓަލްގެ ދާއިރާއިން އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުގެ ސިޔާސަތު، "މޯލްޑިވްސް 2.0"ގެ ބޭނުމަކީ އިލެކްޓްރޯނިކް ވޯޓިން ނޫން ކަމަށާއި އެ ބަދަލުތަކުގެ ފަހަތުގައި އޮތީ ރާއްޖެ އިން ކޮރަޕްޝަން ނައްތާލުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖެ ޑިޖިޓަލް ކުރުމުގެ ރޭ އިފްތިތާހު ކުރި މޯލްޑިވްސް 2.0 އަކީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފް ރޭ ވިދާޅުވުމާ ގުޅިގެންނެވެ.
"ހަމަގައިމުވެސް އަޅުގަނޑު އެކަކަށް އެކަމާ ސީދާ ދެކޮޅު ހަދަމެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ މިހާރުވެސް 2 ގަަޑި އިރުތެރޭ ސާފުވާއިރު އަދި ޔަގީންކަމާއެކު ބޭނުން މީހަކަށް ވޯޓުދީ، ވޯޓު އޮޅުވާ ނުލެވޭނެކަން އެބަޔަގީން ކުރެވެއެވެ. އިލެކްޓްރޯނިކް ވޯޓުލާ ގައުމުތަކުންވެސް، ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކާއެކު، މިހާރު އެގެންދަނީ އެނިޒާމު ބަދަލުކުރަމުންނެވެ. އަޅުގަނޑުމެންގެ ވޯޓާ ކުޅެން ފުރުސަތުދީ، މިނިވަންކަމާއެކު ވޯޓުލުމުގެ ހަައްގު ނިގުޅައިގަންނަން ފުރުސަތު ދޭކަށްނެތީމެވެ. ރައްޔިތުންގެ ހުރިހާ ޒާތީ މައުލޫމާތެއް، ލޯމަރާފަ ސަރުކާރުގެ އަތްމައްޗަށް ދޫކޮށްލާ ވަރަށް ސަރުކާރަށް އިތުބާރު ކުރެވިދާނެތޯ އެއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެކެވެ. ރައްޔިތުންގެ ހިޔާލު އަދި ރައްޔިތުންގެ އިތުބާރު ނުހޯދާ މިމަސައްކަތް ކުރިއަށް ގެންދަންވާނެކަމަށް ނުދެކެމެވެ." މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފަށް ރައްދުދެއްވައި މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވްސް 2.0" ގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލުމާއި ހަރަދު ކުޑަކުރުމާއި ހިދުމަތްތައް އަވަސްކުރުން އަދި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ކަމަށެވެ.
"ރައީސް އަރިހުގައި އެސްޓޯނިއާއަށް ވެސް ދެވި އަދި ރޭގެ ޖަލްސާގައި ވެސް ބައިވެރިވެވި އިއްތިފާގުން މޯލްޑިވްސް 2.0 އިމްޕްލިމެންޓް ކުރުމުގެ ޒިއްމާވެސް އޮތް ވަޒީރުގެ ހައިސިއްޔަތުން ދަންނަވާލަމެވެ. އެސްޓޯނިއާގައި ވެސް އަދި ރޭގައި ވެސް ރައީސް ތަކުރާރު ކުރެއްވި އެއް ވާހަކަފުޅަކީ އީ ވޯޓިން ފިޔަވައި އަޅުގަނޑުމެން އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ހިދުމަތެއް ދޭންވާނެ ކަމަށެވެ. ދަންނަވަމެވެ. މިކަމުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލުމެވެ. ހަރަދު ކުޑަކުރުމެވެ. ހިދުމަތްތައް އަވަސްކުރުމެވެ. ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ. އީވޯޓިން އެއް ނޫނެވެ،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، ބައެއް ކަންކަން ހާސިލް ކުރުމަށްޓަކައި ގައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަން ޖެހޭ ކަމަށެވެ. އަދި މިއީ އެފަދަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ދިވެހިރާއްޖެ 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ރޭ ފަށާފައިވާ އިރު، "ދިވެހިރާއްޖެ 2.0" އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާހުކުރާ ޕްރޮގްރާމެކެވެ. އެއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށްއޮތް ތިން އަހަރަށް ހިންގާނެ މަޝްރޫއެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެސް ރައީސް ވަނީ އެ މަޝްރޫއުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޮރަޕްޝަން ނައްތާލުން ކަމަށް ފާހަގަކުރައްވައިފައެވެ.
ރައީސް ވިދާޅުވީ "މޯލްޑިވްސް 2.0" އަކީ ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ފަށާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ޑިޖިޓަލައިޒް ކުރެވިގެންދާ މިންވަރަކުން މުޅި ނިޒާމު، ހިދުމަތް ދިނުމުގެ ނިޒާމު މުޅި ގައުމުގެ ހުރިހާ މަސައްކައްތަކެއްގެ ނިޒާމު، ޑިޖިޓަލައިޒް ކުރެވި ހިޔުމަން އިންޓަވެންޝަން ކުޑަކުރެވުމުން ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަލީ އަފާފު ރަމީޒު
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު