ރ. އުނގޫފާރުގައި މިދިޔަ ހޯމަ ދުވަހު ނެގި ރެންޑަމް ސާމްޕަލް އަކުން ކޮވިޑަށް ޕޮޒިޓިވް ވި މީހާގެ ސާމްޕަލް އިތުރަށް ޓެސްޓު ކުރުމަށްފަހު އެމީހާ ކޮވިޑަށް ނެގެޓިވް ކަމަށް ކަނޑައަޅައިފި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗްއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ އެ މީހާގެ ނަތީގާ ނެގެޓިވް ވި ނަމަވެސް އުނގޫފާރު މޮނީޓަރިންގެ ހާލަތުން ނުނަގާނެ ކަމަށެވެ. އެއީ އެ އަތޮޅުގައި ހަދާ ރިސޯޓެއް ކަމަށްވާ ކުޑަކުރަތުން އުނގޫފާރަށް މީހުން ގޮސްފައިވާތީ ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެގޮތުން އުނގޫފާރުން އެކްޓިވް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ބުނެއެވެ. ރައްކާތެރިވުމުގެ ގޮތުން އެކްޓިވް ސަވެއިލެންސް ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން އުނގޫފާރު އޮންނާނީ މޮނިޓަރިންގް ހާލަތުގައި ކަމަށް އެޗްއީއޯސީން ބުނެއެވެ.

އާދިއްތަ ދުވަހު އެޗްއީއޯސީން ވަނީ ރ. ކުޑަކުރަތުން 63 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ. ކުޑަކުރަތުން ބަލީގެ އަލާމާތްތައް ހުރި މީހުން ފެނިގެން މިދިޔަ ހަފްތާ ތެރޭ އެރަށުން ޖުމުލަ 89 ސާމްޕަލް ނަގާފައިވާ ކަމަށް އެޗްއީއޯސީން މީގެ ކުރިން މައުލޫމާތު ދީފައި ވެއެވެ.