ޚަބަރު

ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ނޫނީ މުޒާހަރާ ނުކުރެވޭނެ ކަަމަށް އޮތް ގާނޫނު އުވާލަން ކޮމެޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

ފުލުހުން ދޭ ހުއްދައަކާނުލައި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށް ކަނޑައަޅާފައިވާ ގާނޫނު އުވާލުމަށް ހިމަނައި، އެއްވެސް އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ހޯމް މިނިސްޓްރީން ކަނޑަަޅާތަނެއްގައި ނޫން އެހެންތަނެއްގައި މުޒާހަރާތައް ބޭއްވޭނީ ފުލުހުން ލިޔުމުން ހުއްދަ ދީގެން ކަމަށް ބުނެފައިވަނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގަ އެވެ.

އެ ގާނޫނުގައި ބުނެފައިވަނީ، ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށެވެ.

އެގޮތުން އެ މިނިސްޓްރީން ކަނޑައަޅާ ތަންތަނުގެ ލިސްޓު ހޯމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށް ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް ބުުނެފައިވެ އެވެ. އަދި އެ ލިސްޓަށް އެއްވެސް އުނި އިތުރެއް ގެނެވޭނީ އެ އުނިއިތުރަކަށް އަމަލުކުރަން ފެށުމުގެ 30 ދުވަހުގެ ކުރިން ހޯމް މިނިސްޓްރީން އެކަން އާންމުކޮށް އިއުލާންކޮށް ގެޒެޓުގައި ޝާއިއުކުރުމަށްފަހުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

އެ ގާނޫނު އުވާލުމުމުގެ އިތުރުން، އެއްވެ އުޅުމުގެ ގާނޫނަށް ކޮމިޓީން އެހެން ބައެއް އިސްލާހުތައް ވެސް ގެނެސްފައިވެ އެވެ.

އެގޮތުން ކުއްލި އެއްވުމަށް ގާނޫނުގައި ކަނޑައަޅާފައިވާއިރު، އެ އެއްވުމަށް އެ ބިލުގައި ވަނީ ވަގުތެއް ކަނޑައަޅައިފަ އެވެ. އެއްވެ އުޅުމުގެ ގާނޫނުގައި ކުއްލި އެއްވުންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ 14 ވަނަ މާއްދާގައި މިހާރު އޮންނަނީ، އެ އެއްވުން ބާއްވާނެކަން ދުރާލާ އިއުލާން ކުރުމަކާނުލައި އަދި އެ އެއްވުން ބޭއްވުމުގެ އިންތިޒާމުތައް ދުރާލާ ހަމަޖެއްސުމަކާނުލައި އެ އެއްވުމުގެ ނޯޓިސް ފުލުހުންގެ އިދާރާއަށް ދިނުމެއް ނެތި ދިމާވާ ކުއްލި ކަމަކާ ގުޅޭގޮތުން ކުއްލިއަކަށް ބާއްވާ އެއްވުން ކަމަށެވެ.

ބިލުން އެ މާއްދާ އިސްލާހު ކޮށްފައިވަނީ،، އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، (ށ) ގެ ގޮތުގައި އެ މާއްދާއަށް އަކުރެއް އިތުރުކޮށް (ހ) ގެ ބޭނުމަށްޓަކައި ކުއްލި އެއްވުމެއްކަމުގައި ބެލެވޭނީ، ދިމާވާ ކުއްލި ކަމަކާ ގުޅިގެން އެކަމެއް ހިނގި ވަގުތުން ފެށިގެން 48 ގަޑިއިރު ފާއިތު ނުވަނީސް ބާއްވާ އެއްވުމަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން، ލިޔުމުން ފުލުހުން ދޭ ހުއްދައަކާނުލައި، ގައުމީ ދިފާއީބާރުގެ މައި މަރުކަޒުގެ އުތުރު ފަރާތު އިންފާރުން ފެށިގެން ކުރިމައްްޗަށް 300 ފޫޓު ހިމެނޭ ސަރަހައްދާއި ހުޅަނގު ފަރާތު އިންފާރުން ފެށިގެން 200 ފޫޓު ހިނެނޭ ސަރަހައްދާއި އަދި ދެކުނު ފަރާތު އިންފާރުން ފެށިގެން 150 ފޫޓު ހިމެނޭ ބިމުގެ ސަރަަހަށްދަށް އެއް ނުވެވޭނެ ކަމަށް މިހާރު ގާނޫނުގައި ބުނެފައިވާ މާއްދާ އިސްލާހުކޮށް، ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 300 ފޫޓު ހިމެނޭ ސަރަހައްދަށް އެއް ނުވެވޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަދި ދިވެހި ފުލުންގެ ހިދުމަތުގެ މައި މަރުކަޒުގެ އުތުރު ފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް 50 ފޫޓު ހިމެނޭ ސަރަހައްދާއި ހުޅަނގު ފަރާތުން އިންފާރުން ފެށިގެން 500 ފޫޓު ހިމެނޭ ސަރަހައްދާއި އިރުމަތީ ފަރާތު އިންފާރުން ފެށިގެން 100 ފޫޓު ހިމެނޭ ސަރަހައްދާއި ދެކުނު ފަރާތު އިންފާރުން ފެށިގެން 50 ފޫޓު ހިމެނޭ ސަރަހައްދަށް އެއް ނުވެވޭނެ ކަމަށް މިހާރު ގާނޫނުގައި އޮތް މާއްދާ އިސްލާހުކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ މައިމަރުކަޒުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 300 ފޫޓު ހިމެނޭ ސަރަހައްދަށް އެއް ނުވެވޭނެ ކަމަށް ވެސް ބިލަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ހަމަ އެގޮތަށް ލިޔުމުން ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ޓޫރިސްޓް ރިސޯޓްތަކުގެ ތެރެއިން އެ ރިސޯޓެއްގެ ވަޒީފާ އަދާކުރާ މުވައްޒަފުން ތިބުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަޙައްދުތަކާއި ދިވެހިރާއްޖޭގެ ވިޔަފާރި ބަނދުރުތަކާއި ވައިގެ ބަނދަރުތަކުގައި އެއްވުންތައް ނުބޭއްްވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މީހުން ބައި ތިއްބާ ކޮންމެ މަރުކަޒެއްގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ހިމެނޭ ސަރަހައްދަށް އެއް ނުވެވޭނެ ކަމަށް އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

މި އިސްލާހު ތަކާއެކު ކޮމިޓީން މިހާރު ވަނީ ބިލު މަޖިލިސް ތަޅުމަށް ފޮނުވައިފަ އެވެ.