މާލޭ ސިޓީގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން ވެއްދުމާއި ސްކޫލު ބަދަލުކުރަން ބޭނުންވާ ފޯމު ހުށަހެޅުމަށް ހާއްސަ އޮންލައިން ޕްލެޓްފޯމެއް ތައާރަފުކޮށްފި އެވެ.
މި އޮންލައިން ޕްލެޓްފޯމް ތައާރަފު ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި އެކަމަށް ހާއްސަކޮށްގެން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ޕްލެޓްފޯމް މެދުވެރިކޮށް ފޯމާ ގުޅޭ ލިޔެކިޔުންތައް ވެސް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މާލޭގެ ސަރުކާރު ސްކޫލުތަކަށް ހާއްސަކޮށްގެން އޮންލައިން ޕޯޓަލެއް ތައާރަފުކުރި އިރު، ކޮންމެ ދިރާސީ އާ އަހަރަކާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން މާލޭގެ ސްކޫލުތަކަށް އަލަށް ވަންނަމުންދެއެވެ. ބައެއް ދަރިވަރުން ސްކޫލު ބަދަލު ކުރަމުންވެސް ދެއެވެ.
ކޮވިޑް 19ގެ ސަބަބުން ސްކޫލު ކުދިންގެ ކިޔެވުން ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމުން، އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. ކުރިން ދިރާސީ އާ އަހަރު ފަށަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ ތެރޭގައެވެ.
އޮންލައިން ޕްލެޓްފޯމްގެ ލިންކު: https://forms.moe.gov.mv/
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ