މިއަހަރުގެ މަތީ ސާނަވީ އިމްތިހާނު (އޭލެވެސް) 4900 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އިމްތިހާނު ހަދާނެކަމަށެވެ. އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިހާނު ހަދާނެ ކަމަށެވެ.

އިމްތިހާނު ކުރިއަށްދާ ސެންޓަރު ތަކުގެ ތެރޭގައި، ހިމެނެނީ މާލެ ސަރަހައްދުގެ ހަތަރު ސެންޓަރެއްގައި، 3284 ދަރިވަރުންނާއި އަތޮޅުތަކުގެ ރަށްތަކުގެ 49 ސެންޓަރުގައި، 1689 ދަރިވަރުންނެވެ. އޭލެވެލް އިމްތިހާނު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭލެވެލް އިމްތިހާނު މިއަދު ފަށާފައިވާއިރު، ސަރުކާރުން ވަނީ މާލެ ނުހިމަނައި، އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ޕައިލެޓް ޕްރޮގްރާމެއް ފަށައިފައެވެ.

އެގޮތުން 2023 ވަނަ އަހަރު 6700 ދަރިވަރިން އޯލެވެލް ނިންމިއިރު، އޭ ލެވެލްއަށް ކިޔަވަން ވަދެފައިވަނީ 2100 ދަރިވަރުންނެވެ.

ނަމަވެސް 2025 ވަނަ އަހަރު 6500 ދަރިވަރުން އޯލެވެލް ނިންމިއިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފެށިއެވެ. މިއަހަރު އޭލެވެލް ހަދާ ކުދީންގެ އަދަދު މިވަނީ 4000 އިން މައްޗަށް އަރާފައެވެ.

ސަރުކާރުގެ އަމާޒަކީ ދަރިވަރުން ބާކީކުރުމުގެ ސިޔާސަތު ނައްތާލައި ރާއްޖޭގައި އޭލެވެލް އެއީ ސްކޫލުން ނިންމާ މަރުހަލާގެ ގޮތުގައި މި ފަސް އަހަރު ނިމިގެންދާއިރުގައި ކަނޑައެޅިގެން ދިއުން ކަމަށް އެޑިޔުކޭޝަނުން ބުނެފައިވެއެވެ.