ކޮވިޑް 19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމުން ކުޅުދުއްފުށި ސިޓީގައި އިއުލާނުކޮށްފައިވާ މޮނީޓަރިންގެ ހާލަތު އުވާލައި، އެރަށް އާންމު ހާލަތަށް ގެނެސްފިއެވެ.
ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިރޭ ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު ކުޅުދުއްފުށި އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުން އެ ސިޓީ އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ކުޅުދުއްފުށި ސިޓީ އާންމު ހާލަަތަށް ގެނެސްފައިވާއިރު، އެ ސިޓީން މިހާތަނަށް ނެގި 380 ރެންޑަމް ސާމްޕަލްގެ ނަތީޖާވެސް ވަނީ ނެގެޓިވްވެފައެވެ.
ކުޅުދުއްފުށިން ފެނުނު ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ރެންޑަމްކޮށް ގިނަ އަދަދެއްގެ ސާމްޕަލްތަކެއް އެ ރަށުން ވަނީ ނަގައިފައެވެ. އެ ހުރިހާ ސާމްޕަލެއް ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.
ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްއެއް ފެނުނީ މިމަހުގެ ހަވަނަ ދުވަހުއެވެ. އެއީ ފުލުހެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އުތުރު ޕޮލިސް ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމްލަ 19 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއީ ކުޅުދުއްފުށިން ޕޮޒިޓިވްވި 13 މީހަކާއި ހދ. ކުރިނބީން ޕޮޒިޓިވްވި މީހަކާއި ށ. ފޯކައިދޫން ޕޮޒިޓިވްވި މީހެއްގެ އިތުރުން ހއ. ދިއްދޫން ޕޮޒިޓިވްވި ހަތަރު މީހެކެވެ.
ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތުން ނެގުމުން މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ރ. އުނގޫފާރު އެކަންޏެވެ.