ބަރުލަމާނީ ނިޒާމް

ބަރުލަމާނީއަށް ވެރިކަން ބަދަލުކުރުމުގެ ބިލު ބަލައިގަންނަން ވޯޓު ދެއްވީ ޖާބިރު އެކަނި

އިބްރާހިމް ޒަކީ

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަކާއި، ބޮޑު ވަޒީރަކާއި، ބޮޑުވަޒީރުގެ ހަތަރު ނައިބުން ތިބޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަންނަން މިއަދު ނެގި ވޯޓުގައި ބިލު ބަލައި ގަތުމަށް ވޯޓު ދެއްވީ އެ ބިލު ހުށަހެޅުއްވި މެންބަރު ޖާބިރު އެކަންޏެވެ.

އެބިލަށް ވޯޓަށް އެހިއިރު، މަޖިލިސް ޖަލްސާގައި 55 މެމްބަރުން ހާޒިރުވެ ތިއްބެވި ނަމަވެސް އޭގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވީ ބިލު ބަލައި ނުގަނެ ބޭރު ކޮށްލުމަށެވެ. މި ބިލު މަޖިލީހަށް ބަލައި ގަތުމަށް ބޭނުންވަނީ 27 ވޯޓެވެ.

އެ ބިލުގައި ވެރިކަމުގެ ނިޒާމާއި ރައީސުލްޖުމްހޫރިްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ހިމެނޭ ގާނޫނު އަސާސީގެ ގިނަ މާއްދާ ތަކަކަށް ބިލުގައި ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ޖުމްލަ 72 މާއްދާގެ މައްޗަށް އެކުލަވާލާފައިވާ ބިލުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށް، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ނެގޭ ސިއްރު ވޯޓަކު ހޮވޭ މީހެއް ކަމަށެވެ. ނަމަވެސް ބޮޑު ވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރާނީ، މަޖިލިސް މެންބަރުންގެ ތެރެއިން އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލިސްގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް ބުނެފައިވެއެވެ.

ބޮޑުވަޒީރުގެ ނައިބުންގެ ގޮތުގައި ހަތަރު ބޭފުޅަކު ހުންނަނަންވާނެ، ކަމަށާއި އެމަގާމުތަކަށް ވެސް ބޭފުޅުން އިންތިހާބު ކުރާނީ، މަޖިލިސް މެންބަރުންގެ ތެރެއިން އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މައްޗަށް މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުން ކަމަށްވެސް ބުނެފައިވެއެވެ.

އެބޭފުޅުންގެ ރިޔާސީ ދައުރަކީ ފަސް އަހަރުކަމަށް ބިލުގައި ކަނަޑައަޅާފައިވާއިރު، ހިނގަމުންދާ ދައުރުގެ ތެރެއިން، މަގާމު ހުސްވެއްޖެ ނަމަ އެ މަގާމުތަކަށް މީހުން އައްޔަންކުރާނެ ގޮތްވެ ސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ބިލުގައިވާ ގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް ދައުލަތުގެ އެންމެ އިސް ވެރިޔާ، އަދި ސިފައިންގެ އެންމެ އިސް ވެރިޔަކީ ބޮޑު ވަޒީރެވެ.

މީގެ އިތުރުންވެސް ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން މިހާރު ދީފައިވާ ގިނަ ބާރުތަކެއް، މި ބިލުން ބޮޑުވަޒީރަށް ވަނީ ބަދަލުކޮށްފައެވެ.

މި ބިލުގައި، އެ މަގާމުތަކުން މީހުން ވަކި ކުރާނެ ގޮތްތަކާއި، އެ ބޭފުުންގެ ބާރުތަކާއި މަސްއޫލިއްޔަތު ތަކާއި އެ މަގާމުގެ ޝަރުތުތަކާއި ޖަވާބުދާރީވާނެ ގޮތްތައްވެސް ހިމަނާފައި ވެއެވެ.

އެ އިސްލާހުގައި ޖާބިރު ވިދާޅުވެފައިވަނީ، މި ބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ 2008 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ، ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ، ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމުގައި ކަނޑައެޅި ނަމަވެސް، ގާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމުގައި ކަނޑައަޅައި (މުތުލަގު ގޮތެއްގައި) ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ހިންގަމުން އަން ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނައިރު، ރައްޔިތުންނަށް ލިބޭ ގެއްލުމުން ރައްޔިތުން ސަލާމަތް ވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ކަމަށް ނުވާތީ އާއި ބަރުލަމާނީ ނިޒާމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ވެގެންދާނެތީ އާއި ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހެއް ވެސް އޮންނާނެތީ ގާނޫނުއަސާސީއަށް މިދެންނެވި އިސްލާހު ގެނައުމަކީ ގާނޫނުއަސާސީއާ ތައާރަޒުވާނެ ކަމަށް ނުބެލެވޭ،" ބިލުގައި ބުނެފައި ވެއެވެ.

ބަރުލަމާނީ ނިޒާމަކީ ސަރުކާރު ހިންގާ އެންމެ އިސްފަރާތް ކަމަށްވާ ބޮޑުވަޒީރު އާއި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއާ އެކުގައި އެކުލަވައިލެވޭ ވެރިކަމުގެ ނިޒާމަަކަށްވާތީ، މި ނިޒާމުގެ މައްޗަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ވެރިކަން ހިންގައި، އެ ގައުމުތައް ބޮޑުތަނުން ކުރިއަރައި ރައްޔިތުންނަށް އެކަމުގެ ސަބަބުން އޮތް ހިތްހަމަޖެހުންތައް ފެންނަމުންދާތީ އާއި ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމު ކަމުގައި ފާހަގަ ކުރެވޭތީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަކީ ބަރުލަމާނީ ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުއަސާސީއާށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހަޅުއްވާކަމަށް ބިލުގައި ބުނެފައިވެއެވެ.