އިދިކޮޅު ކޯލިޝަން

ވެރިކަމުގެ ނިޒާމް ބަދަލުކުރަން އިދިކޮޅު އިއްތިހާދުގެ ތާއީދެއް ނެތް

އިބްރާހިމް ޒަކީ

މިއަދަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވާހަކަ ދައްކަން ވީ ދުވަހެއް ނޫން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ރައްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ދެކޮޅޫ ހަދައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން، ގާނޫނުއަސާސީއަށް އިސްލާހު ގެންނަށް ހުށަހެޅުއްވީ، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރެވެ.

ޖާބިރު ބިލު ހުށަހެޅުއްވުމުން ބިލަށް ބަހުސްކުރަން ހުޅުވައިލި ފުރުސަތުގައި ވާހަކަ ދައްކަވަމުން އިދިކޮޅު، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރަން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ޖާބިރު ހުށަހެޅުއްވި ބިލަކީ، ވަރަށް ބޮޑު ބިލެއް ކަމަށެވެ.

ނަމަވެސް އެވަރުގެ ބޮޑު ކަމެއް މަޖިލީހަށް ގެންނައިރު، ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި، ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި، ސިއާސީ ދާއިރާގެ ވަރަށް ގިނަ ބޭފުޅުން ތިއްބެވިއިރު އެފަރާތްތަކާ މަޝްވަރާ ކުރުން މުހިއްމު ކަމަށް ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް ޝަރީފް ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން މިވަރު ކަމެއް ކުރެވިގެންދާއިރު މަލްޓިޕާޓީ ޑިމޮކްރަސީގެ ވެރިކަމެއްގައި ފުރިހަމަ ދައުރެއް ފުރިހަމަކުރެއްވި ރައީސް، ރައީސް ޔާމީން ޖަލުގައި އޮންނަވަނިކޮށް އެފަދަ މަޝއްވަރާއަކަށް ދާން ތައްޔާރު ނޫން ކަމަށެވެ.

އެހެންކަމުން ޝަރީފް ވިދާޅުވީ، ދިކޮޅު ފަރާތްތަކުން "މިއަދު މިތިބީ ރައްޔިތުން ނިންމާފައި އޮތް ގޮތުގެމަތިން ކުރިއަށް ދިއުމަށް، ރާއްޖޭގެ ރައްިޔތުން ވަނީ މިކަމާދޭތެރޭގައި މީގެކުރިން ގޮތެއް ނިންމައިފަ،" ކަމަށެވެ.

ޝަރީފް ވިދާޅުވީ، އަބަދުވެސް ރައްޔިތުން ބޭނުންވާނީ ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނެ ގޮތަކަށް ވެރިކަމުގެ ކަންތައްތައް ބައްޓަން ކުރެވިގެން ދިއުން ކަމަށެވެ.

އެއީ ވަކި ގޮތަކަށް، ވަކި ނިޒާމަކަށް ވެރިކަން އޮތުމުން ކުރެވޭ ކަމެއްނޫން ކަމަށާއި، ރައްޔިތުން ހޮވާ ވެރިކަމަށް އިސްކުރާ ވެރިއެއްގެ އިހުލާސްތެރިކަމެއް އޮވެއްޖެއްޔާ އެކަން ކުރެވިގެންދާގޮތުން، ރައްޔިތުން ބޭނުންވާ ވެރިކަމެއް ކޮންމެ ނިޒާމެއްގެ ތެރެއިންވެސް ކުރެވިގެން ދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް ޝަރީފް ވިދާޅުވީ، ކޮންމެ ނަމެއްގައި އޮތް ނަމަވެސް، މިހާރު ރާއްޖޭގައި ކުރަމުން މިދަނީ، އާއިލީ ވެރިކަމެއް ކަމަށެވެ.

ކޯލީޝަން ސަރުކާރެއްގައިވެސް ވެރިކަން ކުރާ ގޮތަކީ މިއީ ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ވެރިކަމެއް ފޯރުކޮށްދެވޭނީ ވަކި ނިޒާމަކުން ނޫން ކަމަށެވެ.

ރައްޔިތުން ބޭނުންވާ ވެރިކަމެއް ފޯރުކޮށްދެވޭނީ އިހުލާސްތެރިކަމާއި، އިންސާފުވެރިކާއެކު ގާނޫނުގެ ތެރެއިން ކަންތައްތައް ކުރެވިގެން ކަމަށާއި ނަމަވެސް މިއަދު ފެނިގެންދަނީ އިންސާފާއި ހަމަހަމަކަން ގެއްލިގެންދާކަން ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ޝަރީފް ވިދާޅުވީ، މިއަދަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވާހަކަ ދައްކަންވީ ދުވަސް ނޫން ކަމަށެވެ.

"މިއަދަކީ އަޅުގަނޑުމެން ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ވާހަކަ ދައްކަންވީ ދުވަހެއް ނޫން، މިއަދު އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ރައްޔިތުން ބޭނުންވެފައި މިއޮތީ ހަމަހަމަ ކަމާއި އިންސާފު ގާއިމް ކުރުމާއި، ރާއްޖޭގެ އިސްލާމީ ހަޟާރަތު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް ދިއުމުގެ ކުރިން ހުރިހާ ކަމެއް ރަނގަޅަށް ތަރުތީބުވެގެން ދާފަދަ ވެރިކަމެއް ގާއިމް ކުރުމަށް،" ޝަރީފް ވިދާޅުވިއެވެ.