އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު

މި ދަނޑިވަޅުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ހުށަހެޅުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް، ޖެއްސުމެއް: ޝަރީފް

އިބްރާހިމް ޒަކީ

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ، ހެއްވާ ޖޯކެއް ކަމަށާއި، އެއީ ރައްޔިތުންނަށް ކުރި މަލާމާތެއް އަދި ޖެއްސުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މި ބިލަށް ހަމައެކަނި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުގެ ގޮތުގައި، ވާހަކަ ދައްކަވަމުން، ޝަރީފް ވިދާޅުވީ، މިހާރު މިއޮތް ކޮވިޑް 19 ގެ ބޮޑު ޕެންޑަމިކުގެ މެދު ތެރޭގައި ރައްޔިތުންގެ ވޯޓަކަށް ގޮސްގެންނޫނީ ނުކުރެވޭނެ ކަމެއް ކުރަން، ބުއްދި ސަލާމަތުންހުރި އެކަކުވެސް، އަދި ތަސައްރަފު ފުދޭ މީހަކު މަޖިލީހަށް ހުށަނާޅާނެ ކަމަށެވެ.

އެހެންނޫނަމަ އެ ކަމަކީ ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖައްސަން، ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ފުން އަނދަވަޅަކަށް ވައްޓާލަން ނޫނީ މީހަކު ކުރާޒާތުގެ ކަމެއްނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބު ވެސް އެއް އަހަރަށް ފަސްކޮށްފައިވާކަމަށެވެ. އެހެން އެކަން އޮތްއިރު މި ދަނޑިވަޅުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ވޯޓަކަށްދާން، 200 / 300 މިލިޔަން ރުފިޔާ ހަރަދު ކުރަން ހޯދާނީ ކޮންތަނަކުންތޯވެސް ޝަރީފު ވަނީ ސުވާލު ކުރައްވައިފައެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، އެ އިސްލާހަކީ، ސިޔާސީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވައްޓާލުމުގެ ބޭނުމުގައި ނުނީ ހުށަހަޅާފައިވާ އިސްލާހެއްނޫން ކަމަށެވެ.

ޝަރީފްގެ ހުށަހެޅުމުގައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ އާއި ބޮޑުވަޒީރުގެ އިތުރުން ބޮޑުވަޒީރުންގެ ނައިބުގެ ގޮތުގައި ހަތަރު ބޭފުޅުން މަޖިލީހުން އިންތިހާބު ކުރުމަށެވެ.