ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މާދަމާ ރޭ ބާސެލޯނާއާއި ޔުވެންޓަސް ވާދަކުރާ މެޗަކީ ތާރީހީ މެޗަކަށް ވާނެއެވެ. ދެ ކްލަބަކީ ވެސް ޔޫރަޕް ފުޓުބޯޅަ ޑޮމިނޭޓް ކުރަމުން އަންނަ ދެ ކްލަބަށްވާ އިރު، އެއަށްވުރެ ބޮޑު ސަބަބަކަށްވެސް މެޗު ހާއްސައެވެ. މާދަމާ ރޭގެ މެޗަށް ގިނަ ބަޔަކު އިންތިޒާރު ކުރަނީ ދުނިޔޭގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ދެ ކުޅުންތެރިއެއްގެ ކުރިމަތިލުމަށެވެ. ބާސާގެ ކެޕްޓަން ލިއޮނަލް މެސީއާއި ޔުވެންޓަސްގެ ތަރީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުމަށެވެ.
ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވުމުން މާދަމާ ރޭގެ މެޗުގައި ރޮނާލްޑޯ ފެންނާނެ ކަމުގެ ޔަގީން ކަމެއް އަދިވެސް ނެތެވެ. 24 ގަޑިއިރު ކުރިއަށް ހަދާ ޓެސްޓެއްގެ ނަތީޖާ ނެގެޓިވް ވެގެން ނޫނީ ރޮނާލްޑޯއަށް މާދަމާ ރޭގެ މެޗު ނުޅެވޭ އިރު، ޔުވެންޓަސްއިން އަދި ވަކި ގޮތަކަށް އިއުލާން ކޮށްފައެއް ނުވެއެވެ.
ދެ ކްލަބުގެ ސަޕޯޓަރުންގެ މެދުގައިވެސް ވާދަވެރިކަން ބޮޑުވަމުން އަންނަ މި ދަނޑިވަޅުގައި ކްލަބުގެ ޓުވިޓާ ހޭންޑަލްވެސް ފެންނަނީ ޓުވިޓާ ހަނގުރާމައެއްގެ ތެރޭގައި އުޅޭތަނެވެ. ހަނގުރާމަ ފެށުނީ ބާސާއިން އެއްލި ބަހުގެ ހަމަލާއަކުންނެވެ.
މެސީ ޔުވެންޓަސް ކޮޅަށް ޖެހި ހިތްގައިމު ގޯލެއްގެ ވީޑިއޯއާއެކު ބާސާއިން ޓުވީޓު ކުރީ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ "ގޯޓް" ޔުވެންޓަސްގެ ދަނޑުން ފެނުމަށް އިންތިޒާރު ކުރުމަށެވެ. ބާސާއިން އެ ޓުވީޓު އަމާޒުކުރީ ރޮނާލްޑޯއަށް ނަމަވެސް، ޔުވެންޓަސްއިން ރިޕްލައި ދިނީ މުޅިން ތަފާތު އޭންގަލްއަކުންނެވެ. ޔުވެންޓަސްއިން ކުރި ވީޑިއޯ ޓުވީޓުގައި ޕައުލޯ ޑީބާލާ ބާސާ ކޮޅަށް ޖެހި ގޯލާއެކު ބުނެފައިވަނީ އެ ކްލަބުން އިންތިޒާރު ކުރަނީ އާޖެންޓީނާގެ ވާތު ފައިން ކުޅޭ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ޑީބާލާގެ ހުނަރަށް އިންތިޒާރު ކުރާ ކަމަށެވެ.
ޑީބާލާގެ މާސްކް ސެލެބްރޭޝަން އެ ޓުވީޓުގައި ފެންނަ އިރު، ބާސާއިން އަނެއްކާވެސް އިތުރު ރިޕްލައިއެއް ދިނެވެ. އެ ރިޕްލައި ދިނީ މާސްކް ބޭނުން ކުރުމަކީ މިހާރު ރަނގަޅު ކަމެއް ކަމަށް ބުނެ، ޔުވެންޓަސް ކޮޅަށް 2015 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ނޭމާ ޖެހި ގޯލުގެ ވީޑިއޯއާއެކުގައެވެ. އެ ވީޑިއޯގައި ނޭމާ އުފާފާޅުކުރަނީވެސް މާސްކުގެ އިޝާރާތަކުންނެވެ.
އެ ވާހަކަތަކުގެ ތެރެއިން ބާސާއިން އެ ކްލަބުގެ ހިތްގައިމު ސްޓޭޑިއަމްގެ ފޮޓޯއެއް ލުމަށްފަހު، ޔުވެންޓަސްގެ ސްޓޭޑިއަމްގައި ކުޅެން ކުޅުންތެރިން ކެތް މަދުވެފައި ތިބި ނަމަވެސް ކްލަބުގެ ހޯމްގެ ހިތްގައިމުކަން ދައްކާލަން ބޭނުންވާ ކަމަށް ބުންޏެވެ. ރައްދުގައި ޔުވެންޓަސްއިން ދިނީ މާނަ ފުން ރައްދެކެވެ. "ހޯމްއަކީ ހިތް އޮންނަތަނެއް،" ކަމަށް ޔުވެންޓަސްއިން ބުނެފައިވަނީ ބާސާގެ އެތެރޭގެ މައްސަލަތައް، ހާއްސަކޮށް ކްލަބުގެ ކެޕްޓަން މެސީއާއި ބާސާއާ ދެމެދު އޮތް މައްސަލަތަކަށް އަމާޒުކޮށް ކަމަށް ބެލެވެއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު