އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާތީ ސިނަމާލެ ބްރިޖާއެކު މާލޭގެ ހަތަރު ސަރަހައްދެއް މާދަމާގެ ވަކި ވަގުތުތަކެއްގައި ބަންދުކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ މާލޭގެ ހަތަރު ސަރަހައްދެއް ބަންދުކުރުމަށް ނިންމާފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ރިޗާޑް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކަމަށެވެ.

ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ މަގާ، ސިނަމާލެ ބުޖިޖާއި ގްރީން ޒޯނުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކެވެ.

ފުލުހުން ބުނީ، މި ސަރަހައްދުތައް ބަންދުކުރާނީ މާދަމާ މެންދުރު 12:30 އިން ފެށިގެން އެކި ވަގުތުތަކުގައި ކަމަށެވެ. އަދި އެ ގަޑިތަކުގައި ދުއްވާ އުޅަނދުތަކާއި ހިނގާ މީހުންނަށްވެސް އެ ސަރަހައްދުތަކަށް ނުވަދެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ޕޮމްޕެއޯ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާތީ ވަކި ގަޑިތަކެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ މަގުތައް ބަންދުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވެއެވެ. އެގޮތުން އެމްއޭސީއެލުން ބުނީ ވީއައިއޭގެ މަގުތައް މާދަމާ މެންދުރު 1:00 އިން މެންދުރުފަހު 3:00 އަށް ބަންދުވާނެ ކަމަށާއި ވީއައިޕީ ލައުންޖު ސަރަހައްދުވެސް ހަވީރު 4:00 އިން ހަވީރު 5:00އާ ހަމައަށް ބަންދުވާނެ ކަމަށެވެ.

ޕޮމްޕެއޯ މާދަމާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނީ ޕޮމްޕޭއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށާއި އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ކުރައްވަން ހަމަޖައްސާފައިވާ ކަމަށެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކްރެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ ރަސްމީ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.