ދިވެހި އެ ޒުވާން އަންހެން ކުއްޖާގެ އަލަތު ކައިވެންޏަށް 13 އަހަރު ވެފައިވާއިރު ޖިންސީ އުފާވެރިކަން ފިރިމީހާއާއެކު ހޯދުމަކީ އަދިވެސް އޭނާއަށް ބިރެކެވެ. އިންސާނުން އެ ގުޅުމަކަށް ދެވި ހިފައިފައިވާ ޖިންސީ އުފާ އޭނާ ފިރިމީހާގެ ފަރާތުން ވެސް ބޭނުމެއް ނުވެ އެވެ. އުމުރުން 11 އަހަރުގައި ކުރިމަތިވި ޖިންސީ ގޯނާއިން މިހާރު 35 އަހަރު ވެފައިވާ އެ އަންހެން ކުއްޖާއަށް އަދިވެސް އަރައެއް ނުގަނެވެ އެވެ.

އުތުރުގެ ރަށަކަށް އުފަން އެ އަންހެން ކުއްޖާގެ ބައްޕަގެ ރަހުމަތްތެރިކަމުގައި ގެއަށް ގޮސއ އުޅުނު ދެކުނުގެ ރަށެއްގެ މީހެއްގެ ފަރާތުން އޭނާއަށް އެ ގޯނާ ލިބި އިއްފަތްތެރިކަން ފޭރިގަތީ ނިދާފައި އޮއްވަ އެވެ. އެ ގޯނާއަށް 24 އަހަރު ވީ އިރު އެ ބިރުވެރި، ހިތްދަތި ހަނދާންތަކުން އަދި ވެސް އޭނާއަށް އަރައެއް ނުގަނެވެ އެވެ. އެންމެ ހިތްދަތި އިހުސާސަކީ ފިރިމީހާއަށް ދޭން ޖެހޭ އުފާތައް ނުދެވުމެވެ. ކައިވެންޏަށް 13 އަހަރުވީ ނަމަވެސް އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް އެ ދިރިއުޅުމަށް ވަނީ ކުރިމަތިވެފަ އެވެ.

"ކޮންމެ ގޮތެއް ވިޔަސް ފިރިމީހާ ބޭނުންވާނެ ދޯ އެކަން. އެކަމަކު އަޅުގަނޑަކަށް ނުވޭ. (ފިރިމީހާގެ ނަން) ކިތަންމެ އަންޑަސްޑޭންޓިން ވިޔަސް އަސްލު މައްސަލަ ޖެހޭ. އެކަމަކު އަޅުގަނޑަކަށް ހަމަ ނުވޭ އެކަމެއް. ހަމަ ބިރު ގަންނަނީ. ދެން މޫޑެއް ނާދޭ. ނޭނގެ ބުނެދޭކަށް ވެސް. ހަމަ ވަރަށް ފޫހިވޭ،" ހިތުގެ އުދާސްތައް "ވަން އޮންލައިން"އާ ހިއްސާ ކުރަމުން އެ ޒުވާނާ ބުންޏެވެ.

ފިރިމީހާއަށް އޭނާގެ ފަރާތުން އެ އުފާ ނުދެވޭތީ ހިތްދަތި އެތައް ކަމަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ތަފްސީލަކަށް ދާން އޭނާ ބޭނުމެއް ނުވި އެވެ. އާއިލާއެއް ބިނާކޮށް، ލޯބިވާ ފިރިމީހާއާއެކު އުފަލާއި އަރާމު ހޯދަންވީ އުމުރުގައި އަދިވެސް އޭނާ އުޅެން ޖެހިފައިވަނީ ހިތްދަތި ދިރިއުޅުމެކެވެ. ޅައިރު ކުރިމަތި ވި ގޯނާއިން އަރައި ނުގަނެވިގެންނެވެ.

"ވަރި ނުކުރިޔަސް އަސްލު އަހަރެމެންގެ ގުޅުން ރަނގަޅެއް ނޫން. ދެ ދަރިން ވެސް ލިބިފައި މިހިރީ ހަމަ އެކްސިޑެންޓަކުން. އަޅުގަނޑު ގަބޫލު ކުރަން ފިރިމީހާގެ ވާޖިބު އަދާ ނުކޮށް ދެވޭކަން. އެކަމަކު ގަސްތަކު ނޫން. ހަމަ އުޅެއުޅެވެސް ނުވަނީ،" ދެ ކުދިންގެ މަންމަ ހިތާމައިގެ ރާގަކަށް ބުންޏެވެ.

ގޯނާއަށް މިހާ ދުވަސްވެ ދިރިއުޅުމަށް އެތައް ނޭދެވޭ އަސަރެއް ކޮށްފައިވީ ނަމަވެސް މިހާތަނަށް އެކަމަށް ނަފްސާނީ ފަރުވާއެއް އެ މީހުން ހޯދާފައެއް ނުވެ އެވެ. އެކަން ކުރަން އުޅެފައި ވެސް މީހުން ދެކޭނެ ގޮތަކާއި ބޭޒާރު ވެދާނެ ކަމުގެ ބިރަށް ފަރުވާ ހޯދަން އެ ދެމަފިރިން ޖެހިލުން ވަނީ އެވެ.

"މިހާ ދުވަސްވީމަ ދެން ހިޔެއް ނުވޭ ދޯ ރަނގަޅު ވެދާނެ ހެނެއް ވެސް؟ ދެން އަސްލު އެހެންވެ ތެރަޕީއަކަށް ވެސް ނުދަނީ،" މާޔޫސް ވެފައިވާ އެ އަންހެން ކުއްޖާ ބުންޏެވެ.

އެކަމަކު އެއީ ކުށްހީއެކެވެ. ގޯނާތަކާއި ދިރިއުޅުމަށް ދިމާވެފައިވާ އެކި ކަންކަމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ މައްސަލަތަކަކީ ތެރަޕީތަކާއި ބޭހުގެ އެހީގައި ފަރުވާ ހޯދިއްޖެ ނަމަ ރަނގަޅު ކުރެވޭނެ ކަންކަމެވެ. އަދި އެފަދަ ކަމެއް ދިމާވާ ދުވަސްކޮޅު އަވަހަށް ފަރުވާ ހޯދަން އުޅެފިނަމަ ފަސޭހައިން އެކަން ރަނގަޅު ކުރެވެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކަށް ޖިންސީ އަނިޔާ ލިބިފައިވެ އެވެ. މީގެ ތެރެއިން ބޮޑު ބަޔަކީ އެމީހުންގެ އިއްފަތްތެރިކަން ކުޑައިރު ގެއްލިފައިވާ މީހުންނެވެ. ޔުނިސެފްގެ ތަފާސް ހިސާބުތައް ބުނާގޮތުން މިދިޔަ އަހަރު އެކަނިވެސް ރާއްޖޭން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 1،200 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވެ އެވެ. ބައެއް މައްސަލަތައް އާއިލާއަށް ލިބިދާނެ ހުތުރު ނަމަކަށް ޓަކައި ނުވަތަ އެފަދަ ގޯނާތަކަށް އަހުލުވެރިވެފައި ނުވާތީ ރިޕޯޓް ކޮށްފައި ނުވާ ކަމަށް ވެސް ޔުނިސެފުން ބުނެ އެވެ. އެހެންވެ އެއް ކުއްޖަކު ތަކުރާރުކޮށް ގޯނާގެ ޝިކާރައަކަށް ވާން ޖެހިފައިވާ ކަމަށް ވެސް ޔުނިސެފުން ބުނެ އެވެ.

ސައިކޮލޮޖިސްޓުންގެ ދިރާސާތައް ބުނާގޮތުން ޖިންސީ ގޯނާ ލިބިފައިވާ ކުދިންނަށް ދިމާވާ މައްސަލަތައް ބައެއް ފަހަރު ތަފާތެވެ. ގޯނާގެ ސަބަބުން ބައެއް މީހުން ހެޔޮގޮތުގައި ވެސް ޖިންސީ ގުޅުން ހިންގަން ބޭނުމެއް ނުވެ އެވެ. އެކަން އެ މީހުންނަށް ބޮޑު ބިރަކަށް ވަނީ އެވެ. އޭގެ އަނެއް ކޮޅުވެސް އެބައޮތެވެ. ޖިންސީ ގޯނާގެ ސަބަބުން އެފަދަ ގުޅުންތަކަށް ދެވި ހިފުމަކީ ވެސް ބައެއް މީހުންނަށް ދިމާވާ ކަމެއް ކަމަށް ނަފްސާނީ އިލްމުވެރިން ވިދާޅުވެ އެވެ.

  • • ކުދިންގެ އުމުރާ ނުގުޅޭ ޖިންސީ އެދުންތަކެއް ފެނުން
  • • ކުއްލި ކުއްލިއަކަށް އެއްވެސް ސަބަބެއް ނެތި ބިރުން އުޅުން
  • • ތިމާއަށްވުރެ ދޮށީ މީހުންނާއެކު އެކަހެރިވުމަށް ދެކޮޅު ހެދުން
  • • އެހެން މީހުންނަށް އިތުބާރު ނުކުރުން
  • • ރުންކުރުވުމާއި އަވަސް އަވަހަށް ރުޅިއައުން
  • • ޑިޕްރެޝަނާއި އެންޒައިޓީ ކުރިމަތިވެ އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލުން
  • • އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުން
  • • ކިޔެވުމާއި އެހެން ކަންކަމާއި ދުރުވެ އެކަނިވާން އަބަދު އުޅުން

ޖިންސީ ގޯނާއެއްގެ ޝިކާރައަށް ކުއްޖާވާ ހިސާބުން އެ ކުއްޖެއްގެ ހަށިގަނޑުގެ ބޭރުފުށުން ވެސް އަނިޔާގެ ނިޝާންތައް ބައެއް ފަހަރަށް ފެންނަން ހުރެ އެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ވަކި އެޅިފައި ހުރުން ނުވަތަ ޖިންސީ ގުނަވަންތަކުގައި ރިއްސާތީ އުޅުން ފަދަ ކަންކަން ބައެއް ކުދިންނަށް ދިމާވެ އެވެ. ނަމަވެސް ބޭރުފުށުން ފެންނަ އަނިޔާތައް ފެންނަން ހުންނާނީ މަދު ދުވަސްކޮޅެއްގަ އެވެ.

ޖިންސީ ގޯނާގެ ސަބަބުން ދިމާވާ ނަފްސާނީ އުނދަގޫތަކަކީ އެތައް އަހަރެއް ވިޔަސް ފިލައިދާނެ ކަމެއް ނޫނެވެ. އެހެންކަމުން އެފަދަ އުނދަގޫތަކަށް ކުރިއާލައި ފަރުވާ ހޯދަން ޖެހެ އެވެ. ބޭހާއި ތެރަޕީގެ އެހީގައި އެފަދަ އުނދަގޫތަކަށް ލުއި ހޯދެ އެވެ. ރާއްޖޭން ވެސް އެ ފަރުވާ ލިބެން އެބަހުއްޓެވެ.

ރާއްޖެއަށް ބަލާއިރު ގިނަ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ލިބިފައި ވަނީ ގޭތެރޭ މާހައުލުންނެވެ. ބައްޕަ، ކާފަ ނުވަތަ ބޭބެއިންނާއި އާއިލާގެ ރަހުމަތްތެރިންގެ ގޮތުގައި ގެއަށް ގޮސް އުޅޭ މީހުންގެ ފަރާތުން އެފަދަ ގޯނާ ލިބިފައިވާ ކުދިން ގިނަ އެވެ. މިއީ ބެލެނިވެރިން އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.

މިހާރު އުމުރުން 35 އަހަރު ވެފައިވާ އެ އަންހެން ކުއްޖާގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ އުނދަގޫ ކަންތައްތަކުގެ ސަބަބުން ވެސް ޖިންސީ ގޯނާތަކުގެ ސަބަބުން ދިރިއުޅުމަށް ކުރާ އަސަރު އެނގިގެން ދެ އެވެ. އެފަދަ ކަމެއް ކުއްޖަކަށް ދިމާވިޔަ ނުދޭން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން އަވަސް ކުރަން ޖެހެ އެވެ. ގޯނާތަކަށް ކެތް ނުކުރާށެވެ. އަދި ލަސްނުކޮށް ރިޕޯޓް ކުރުމާއި ފަރުވާ ހޯދުން އަވަސް ކުރަން ޖެހެ އެވެ. ނޫނީ ދިރިއުޅުން އަނދަވަޅަކަށް ވެއްޓިދާނެ އެވެ.