ލޯނު ނުދައްކައިގެން ރާއްޖޭގެ ހަރު މުދާ ބާލަން ގަންބޯޓާއެކު ޗައިނާއަކުން ނާންނާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް ނަޝީދު މިހެން ވިދާޅުވީ، ސަރުކާރުން ނަގާފައިވާ ދަރަންޏާއި ހިސާބުތަކާ ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭ މުޅި މަޖިލީހުގެ ކޮމިޓީގެ ރިޕޯޓާ ބެހޭގޮތުން އެ ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަތަކާގުޅިގެންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެކި ގައުމުތަކުން ނަގާފައިވާ ދަރަނިތައް ކުރިން ދަންކަން ކަނޑައަޅާފައިވާ ގޮތަށް އެ މުއްދަތަށް ނުދެއްކޭނެ ކަމަށް ސަރުކާރުން ސާފުކޮށް ބުނަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ބުނެ، ދަރަނި ދީފައިވާ ފަރާތްތަކުން މަޝްވަރާ ކުރުމަށް އައުމަށް ސަރުކާރުން އިއުލާން ކުރުމުން އެފަރާތްތަކުން އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެފަރާތްތަކުން އަންނާނީ، ގައުމުގެ ހަރު މުދާ ނަގަން ނޫން ކަމަށާއި، ޗައިނާގެ ކޮމާޝަލް ބޭންކުތަކުންވެސް ގަންބޯޓު ހިފައިގެން ރާއްޖޭގެ ހަރުމުދާ ބަލައި ނާންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ތަންތަނުން އަންނާނީ އެކަންކަމާ މެދު މަޝްވަރާ ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"އޭރުން ބޭންކުތަކަށް އޮތީ ދެގޮތް އެއްގޮތަކީ، ހަރުމުދާ ބަލައި އައުން، އަޅުގަނޑު ދެކޭގޮތުގައި ހަރުމުދާ ބަަލައެއް ޗައިނާގެ ކޮމާޝަލް ބޭންކުތަކުން އައުމަށް އޮތް ޖާގައެއް، ފުރުސަތެއް އެއީއެއް މިވަގުތަކު ވޭދާނެ ކަމެއް ކަމަކަށް ނުފެނޭ ދެން އެއީ ގައުމުތަކުން ދެކޭ ގޮތެއްވެސް ނޫން، 20 ވަނަ ގަރުނުގަ އާއި 21 ވަނަ ގަރުނުގައި، އަޅުގަނޑުމެން 19 ވަނަ ގަރުނާއި 18 ވަނަ ގަރުނަށް ދިޔައިރުގައި އެހެން ދަރާފައި އޮވެއްޖެއްޔާ ހަރުމުދާ ބަލައި ގަންބޯޓާ އެކުގައި އަންނާނެ، އެހެން ނަމަވެސް މިހާރު ގަންބޯޓާ އެކުގައި ނާންނާނެ،" ކަމަށެވެ.
ރައީސް ނަޝީދު މިއަދު މިހެން ވިދާޅުވިއިރު މީގެކުރިން އެމަނިކުފާނު ވިދާޅުވެފައިވަނީ، ޗައިނާއިން ނަގާފައިވާ ލޯނުތައް ނުދެއްކިއްޖެ ނަމަ އެ ގައުމުން ރާއްޖޭގެ ރަށްތައް އަތުލާނެ ކަމަށެވެ. ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށް ވެސް ތަކުރާރުކޮށް ނަޝީދު ގެންދެވީ ވިދާޅުވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރު އެކަނިވެސް ދަރަނީގެ ގޮތުގައި ރާއްޖެއިން 7.23 ބިލިޔަން ރުފިޔާ 460 މިލިޔަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.
އެހެންކަމުން ދޭދޭ ގައުމުތަކުންނާއި، ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން، ސަރުކާރަށް ނަގާފައިވާ ދަރަނި ފިޔަވައި، އެހެން ދަރަނިތައް ރީސްޓްރަކްޗާ ކުރުން ނުވަތަ ރީ ޕްރޮގްރާމްކުރުމުގެ މަސައްކަތް ލަސްނުކޮށް ފެއްޓުމަށް ސަރުކާރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް