ޖުޑީޝަލް ސާވިސް ކޮމިޝަން

މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، ޝުކޫރު އިސްތިއުފާ ދެއްވައިފި

ފަނޑިޔާރުކަމުން ވަކިކުރަން ނިންމާފައި ވަނިކޮށް ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުން އަމިއްލައަށް އިސްތިއުފާ ދެއްވައިފި އެވެ.

ޝުކޫރު މިއަދު އިސްތިއުފާ ދެއްވާފައި މިވަނީ، ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން މިދިޔަ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ވަނީ އޭނާ މަގާމުން ވަކިކުރަން ފާސްކޮށްފަ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގައި ބަޔާންވާ ގޮތުގެ މަތީން، ފަނޑިޔާރުކަމުގެ މަގާމުން ޝުކޫރު އިސްތިއުފާ ދިނުމާ ގުޅިގެން މިއަދުން ފެށިގެން އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށެވެ.

ޝުކޫރު ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމީ އެ ކޮމިޝަނުން ތަހުގީގުކުރި ހަތަރު މައްސަލައެއް ސާބިތު ވުމުންނެވެ.

އެގޮތުން ޝުކޫރު އިސްމެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުރެގެން އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަސްވަރު އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއްގެ ގޮތުގައި ހުރެ، ހައްޔަރު ކުރި ފަރާތުގެ ގާނޫނީ ވަކީލާއި ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލުކޮށް ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވިލިނގިލީ ގެއެއްގައި، ކުރީގެ ފަނޑިޔާރުން ތަކަކާއެކު، ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ޝުކޫރު ބައިވެރިވެފައިވާ މައްސަލަ އާއި އޭގެ ފަހުން ވިިލިނގިލީ ކެފޭއެއްގެ ތެރޭގައި ވާހަކަދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން އިތުރަށް ބުނީ، 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުން އެމީހުންގެ ބަންދާ މެދު ނިންމާނެ ގޮތެއް ފުލުހުންނާ ހިއްސާކޮށް، އެކަމަށްޓަކައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން ޝުކޫރު އަމަލު ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.