ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު މިއަދު އިންތިހާބުކޮށްފިއެވެ.
ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔަޒްމީދު އިސްތިއުފާ ދެއްވި ވަކި ސަބަބެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. ޔަޒްމީދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެ ކޮމިޝަނަށް އައްޔަންކުރައްވާފައި ހުންނެވި މެންބަރެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސްގެ ފަރާތްޕުޅުން އެ ކޮމިޝަނަށް މިހާރު އައްޔަންކުރައްވާފައިވަނީ އަލީ ނަސީރު ގާސިމެވެ.
ޖޭއެސްސީގެ ނައިބު ރައީސަކަށް މިއަދު އިންތިހާބު ކުރެއްވި ފަނޑިޔާރު ޝަހީދަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނުގައި ތަމްސީލުކުރައްވާ މެންބަރެވެ.
ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރެއްގެ އިތުރުން މަޖިލީހުގެ މެންބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މެންބަރެއްގެ މައްޗަށެވެ.
މީގެ އިތުރުން ބަންޑާރަ ނައިބާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކުވެސް މި ކޮމިޝަނުގައި ހިމެނެއެވެ.
މުހައްމަދު އިޝާން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން