ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވަކިކޮށް، ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަންނަ މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް "ވަން" އަށް މިރޭ ވިދާޅުވީ އެ ބިލް، އަންނަ ޖޫން މަހު ފަށާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި ހުށަހަޅާނެ ކަމަށެވެ.
ޑީޖޭއޭ އަކީ ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އައި އިދާރާއެކެވެ. ނަމަވެސް، ކުރީ ސަރުކާރުގައި ގާނޫނަށް ގެނައި އިސްލާހަކާއެކު އެ އިދާރާ ވަނީ ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ބަދަލުގެ ސަބަބުން ޝަރުއީ ދާއިރާގެ ކަންކަމަށް ނުސީދާ ގޮތެއްގައި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.
އުޝާމް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ހުށަހަޅާ އިސްލާހުގެ ދަށުން ފަނޑިޔާރުންގެ އެޑްވައިޒަރީ ބޯޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ "ޖުޑީޝަލް ކައުންސިލެއް" އަލުން އުފެދިގެންދާނެއެވެ.
ޖުޑީޝަލް ކައުންސިލެއް އެންމެ ފުރަތަމަ އުފެދުނީ 2010 ވަނަ އަހަރު ކޯޓުތަކާބެހޭ ގާނޫނު ވުޖޫދަށް އައުމާއެކުގައެވެ. ނަމަވެސް 2011 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ކައުންސިލާ ގުޅޭ މާއްދާތައް ބާތިލްކޮށް، ކައުންސިލް އުވާލާފައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ވެސް ސިޔާސަތުތައް ކަނޑައެޅުމަށް ކައުންސިލެއް އުފެއްދި ނަމަވެސް، ފަހުން އެތަން ވަނީ އުވާލާފައެވެ.
ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު މީގެ ކުރިން ވިދާޅުވެފައިވަނީ، ޖުޑީޝަލް ކައުންސިލަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ވެގެންދިއުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށެވެ.
މުހައްމަދު އިޝާން
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް